މި ފަސް އަހަރުގެ ދައުރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ދައުރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެންސީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި މީގެ ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ވާހަކަ ދައްކަނީ އިންތިޚާބުތައް ބޯމަތިވުމުންނެވެ. އަދި އިންތިޚާބާ ދިމާކޮށް މަޝްރޫޢުތަކުގެ ބިންގާ އެޅުމަކީ އޭރު އަމަލުކުރަމުން އައި ގޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުގައި ހައުންސިން މިނިސްޓަރުކަން ކުރެއްވި ދުވަސްވަރުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އޭރު ހިޔާ ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅައި، ތަޅުދަނޑި ހަވާލުކުރުމަށް އެމަނިކުފާނު ބޭނުންފުޅުވި ކަމަށެވެ. ނަމަވެސް އެކަމަށް އޭރުގެ ސަރުކާރުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށާއި، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސިޔާސީ ޑައިރެކްޝަނެއް އޭރު ނުލިބުނު ކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ކުރީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތަކާއި ނުނިމި ހުރި ފްލެޓްތަކުގެ މަސައްކަތް ނިންމައި ރައްޔިތުންނާ ހަވާލުކުރުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ބިންތައް ހިއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ކަންކަން ވަރަށް ރަނގަޅަށް ދިރާސާކުރާ ބައެއް ކަމަށެވެ. އެހެންކަމުން، ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތާއި، މި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް އަޅާކިޔައި، ރައްޔިތުން އެކަންކަން ބަލާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ގިނަ އަދަދަކަށް ރައްޔިތުންނަށް އަމިއްލަ ހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.










