މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި އެވެ.
މެޓް އޮފީހުން މީގެ ކުރިން ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ 9:00 އާ ހަމައަށެވެ. ނަމަވެސް، އެ ސަރަހައްދުގެ މޫސުން އަދިވެސް ގޯސްކޮށް އުޅޭތީ، އެ އިދާރާއިން މިހާރު ވަނީ އެލާޓްގެ ވަގުތު މިރޭ މެންދަމު 03:00 އާ ހަމައަށް ދަންމާލާފަ އެވެ.
މެޓުން ބުނި ގޮތުގައި، މި ވަގުތުތަކުގައި އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު އޮޅުންފިލުވުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެ އެވެ. ވަކިން ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް މެޓުން ވަނީ އިރުޝާދު ދީފަ އެވެ.









