"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ކުރި މި ހުކުމުގައިވާ ގޮތުން، ޝަހުޒާން ޖަލަށްލުމަށް ނިންމާފައިވަނީ 15 ދުވަހަށެވެ. އަދި ލީވާން އަލީ ނަސީރު ޖަލަށްލުމަށް ހުކުމްކުރީ 10 ދުވަހުގެ މުއްދަތަށެވެ. މި ދެ ނޫސްވެރިންގެ މައްޗަށް މި ފިޔަވަޅު އަޅާފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ސާބިތުވުމާ ގުޅިގެންނެވެ.
ޝަހުޒާންގެ މައްޗަށް މި ހުކުމް އައީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށްފައި ވަނިކޮށް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި ޝަހުޒާން ކުރި ސުވާލާ ގުޅިގެން، އޭނާ ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް ރައީސް ވިދާޅުވެ، ސެކިއުރިޓީންގެ އެހީތެރިކަމާ އެކު އޭނާ ވަނީ މާލަމުން ނެރެފަ އެވެ.
ލީވާން ބަންދުކުރަން އަމުރުކުރީ އެ ޑޮކިއުމެންޓްރީއާ ގުޅިގެން ކޯޓުން ނެރުނު އަމުރާ ހިލާފަށް ހަބަރު ލިޔުނު ކަމަށް ބުނާ މައްސަލައިގަ އެވެ. މި ދެ ނޫސްވެރިންގެ މައްސަލަ ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދުނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރުގައި ވަނީ "އަދަދު" ނޫހުގެ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އެއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް އަންގާފަ އެވެ. އެ އަމުރު ނެރުނީ "އަދަދު" ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ދައުލަތުން އެފަދަ އަމުރަކަށް އެދުމުންނެވެ.
މި މައްސަލައިގައި ހިމެނޭ ފިޔާޒާއި ހަސަން މީގެ ކުރިން ފުލުހަށް ހާޒިރުކުރި ނަމަވެސް، މަސްދަރު ހިމާޔަތް ކުރުމުގެ ހައްގުގެ ބޭނުން ހިފައި، އެ ދެ ބޭފުޅުން ވަނީ ހަނު ތިއްބަވާފަ އެވެ. މި މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލުކޮށްފަ އެވެ.









