މިދިޔަ ސަރުކާރުން ނެގި ދަރަނިތައް މި ސަރުކާރުން ދައްކަމުންދާތީ އެމްޑީޕީން ކަންބޮޑުވެލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ މަތީ މަގާމުތައް ކުރިން އަދާކުރައްވާފައި ތިއްބެވި ބޭފުޅުން، ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، ހަގީގަތެއް ނެތް، އަސާސެއް ނެތް ވާހަކަތައް ދައްކަވަމުން ގެންދަވާތީ ހިތާމަކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ، ދަރަނިތައް ނެގީ ވެސް ހަމަ އެ ބޭފުޅުންގެ ސަރުކާރުން ކަމަށާއި، ނަމަވެސް ދައްކަމުން ދަނީ މި ސަރުކާރުން ކަމަށެވެ. ރައީސް ވިދާޅުވީ، ދަރަނި ނަގާ ފަރާތުން ކަންބޮޑުވާ ގޮތަށް ވާހަކަ ދައްކަވާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ވޭތުވެދިޔަ 40 ދުވަހެއްހާ ދުވަހުގެ ތެރޭގައި، ދިވެހި ރައްޔިތުންގެ ބޮލުގައި ކުރީ ސަރުކާރުތަކުން އަޅުވާފައިވާ ދަރަނީގެ ތެރެއިން 974 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށެވެ. އެ ގޮތުން ސުކޫކުގެ ގޮތުގައި 524 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި، 400 މިލިއަން ޑޮލަރުގެ ސްވޮޕެއް ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެހެންމެ، ރައީސް ވިދާޅުވީ، ދައްކަންޖެހޭ ތާރީހު ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ހަމަ މިއަދު ދައްކާފައިވާ ކަމަށާއި، ދެއްކި ލޯނަކީ ވެސް ކުރީ ސަރުކާރުން ނެގި ލޯނެއް ކަމަށެވެ.
ކުރީ ސަރުކާރުން ތިން ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 50 މިލިއަން ޑޮލަރު، ޖުމްލަ 150 މިލިއަން ޑޮލަރު، އިންޑިއާ ސަރުކާރުން ނަގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ލޯނު ނެގި ތާރީހުތަކަކީ 17 މާޗު 2019، 26 ޖޫން 2019، އަދި 1 އޮކްޓޫބަރު 2019 ކަމަށެވެ. ކުރީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ލޯނު ރޯލް އޯވާ ކުރަމުން ގެންދިޔަ ކަމަށާއި، މި ސަރުކާރު އައިފަހުން، 7 ޖެނުއަރީ 2024 ގައި، 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކި ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ބާކީ 100 މިލިއަން ޑޮލަރު، ސަރުކާރުން ދެންނެވުމުން، އިންޑިއާ ސަރުކާރުން ރޯލް އޯވާ ކޮށްދެމުން ގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި، ދެން އޮތް 50 މިލިއަން ޑޮލަރު ދައްކަންޖެހޭ ތާރީހަކީ 17 ސެޕްޓެމްބަރު 2026 ކަމަށާއި، އިރާދަކުރެއްވިއްޔާ އެ ދަރަނި ވެސް ދައްކަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖެ ދަރަނީގެ ދަތިކަމުން ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ސިޔާސީ ބޭނުމަކަށް ކުރާ ކަމެއް ނޫން ކަމަށާއި، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވައިދިނުމަށްޓަކައި ކުރާ ކަމެއް ކަމަށެވެ.









