އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރާ އޮޕަރޭޝަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު
ދެއްވަމުންނެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތަކީ މިހާތަނަށް ދުވަހަކުވެސް ރާއްޖޭގައި ކޮށްފައިނުވާ ވަރުގެ މަސައްކަތްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އޮޕަރޭޝަން ކުރަނގިއަކީ އެއްވެސް ހާލަތެއްގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށެވެ. އަދި އެ ބިދޭސީންގެ ޙައްގުތައް ހިމާޔަތްކުރަން މި މައުލޫމާތު ސަރުކާރުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މީގެ ތެރެއިން ޑީޕޯޓްކުރަންޖެހޭ ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.









