
"ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
ނޭވާހިއްލުމުގެ ބަލި ނުވަތަ އެސްމާ މެނޭޖްކުރުމުގައި މިހާރަށްވުރެ ބޮޑަށް އިސްނަގައިގެން މަސައްކަތްކުރުމަށް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ ވިދާޅުވީ ނޭވާހިއްލުމަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް، ޚާއްޞަކޮށް ކުޑަކުދިންނަށް ކުރިމަތިވެފައިވާ ޞިއްޙީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި ބަލިމީހުންނާއި އާއިލާތަކުން ބައްޔާ ބެހޭ ފުރިހަމަ މަޢުލޫމާތު ހޯދައި، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާ މިހެން ވިދާޅުވީ "ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
އެކަމަނާ ވަނީ ތަޣައްޔަރުވުމާއި، ވައިގެ ނުސާފުކަމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ކަންކަމަކީ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ މައިގަނޑު ސަބަބުތައްކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިންވެސް ފާހަގަކުރައްވާކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ވާރުތަވާ އެލާޖީގެ ހާލަތްތަކާއި (އެޓޯޕީ)، އެލާޖީތަކުގެ އިތުރުން އެގްޒީމާ ފަދަ ބަލިތައް ރާއްޖޭގައި އާންމުކަމަށާއި، ތިމާވެށީގެ ސަބަބުތަކާ ގުޅިގެން މިފަދަ ކަންކަން މެދުވެރިވުމަކީ ނޭވާހިއްލުމުގެ ބަލި އިތުރުވުމަށް ބާރުދޭ ކަންކަން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

"ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.
މިއަހަރުގެ ވޯލްޑް އެސްތްމާ ޑޭ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ނޭވާހިއްލާ ބަލީގެ ދުވަހުގެ ޝިއާރު ކަމަށްވާ "އެކްސެސް ޓު އެންޓި-އިންފްލަމޭޓަރީ އިންހޭލާރސް ފޮރ އެވްރިވަން ވިތު އެސްތްމާ – ސްޓިލް އެން އަރޖަންޓް ނީޑް" އާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުތަކާއި ދޮގު މައުލޫމާތުތައް ނައްތާލުމަށް ގޮވާލައްވާފައެވެ. އެގޮތުން އިންހޭލާއަކީ ރައްކާތެރި، ނަތީޖާ ފެންނަ، އަދި އެއަށް ދެވިހިފާ އެއްޗެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އިންހޭލާގެ ސަބަބުން ބަލި ކޮންޓްރޯލްކޮށް، ބަލި ބޮޑުވުން ކުޑަކޮށްދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.









