މިހާރު އޮތް ހާލަތަކީ އެމެރިކާއަށް ކެތްކުރެވޭނެ ހާލަތެއް ނޫން ކަމަށާއި، އީރާނުން އަދި ހަގީގީ މަސައްކަތް ފަށައިވެސް ނުގަންނަ ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣާލިބާފް ވިދާޅުވެއްޖެއެވެ.
ޣާލިބާފް ވިދާޅުވީ އީރާނާއި ކުޅެގެން އެމެރިކާ އަކަށް ކުރި ނުލިބޭނެ ކަމަށާއި ހުރްމުޒް ކަނޑުއޮޅި އަބަދުވެސް ބަލަހައްޓާނީ އީރާނުންނެވެ.
މުހައްލިލުން ބުނާ ގޮތުގައި، އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ބޭނުންކުރަނީ އެމެރިކާ އާއި އިސްރާއީލާ ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރުގެ ގޮތުގައެވެ.
ދުނިޔޭގެ ކަނޑުމަގުން ކުރާ ތެލުގެ ވިޔަފާރީގެ ހަތަރުބައިކުޅަ އެއްބައި ހިނގަނީ މި ކަނޑުއޮޅިން ކަމަށްވާއިރު، މި މަގަށް ހުރަސްއެޅުމަކީ އެމެރިކާ އާއި މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. މިއީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް އެމެރިކާއިން ކުރާ މަޖުބޫރުކުރުންތަކާ ދެކޮޅަށް އީރާނަށް ލިބޭ ވަރުގަދަ ބާރެކެވެ.
ހަނގުރާމަ ފެށުނު ފަހުން އަރަބި ހަތް ގައުމަކަށް 6,000 އަށްވުރެ ގިނަ މިސައިލާއި ޑްރޯން ހަމަލާ އަމާޒުވެފައިވާއިރު، އޭގެ ތެރެއިން ގިނަ ހަމަލާތައް އަމާޒުވީ ޔޫ.އޭ.އީ އަށެވެ. މިއީ އެ ގައުމުން އިސްރާއީލާއެކު ގުޅުން ގާއިމްކޮށް، އެމެރިކާއާ ގާތް ގުޅުމެއް ބާއްވާތީ އީރާނުން ދިން އިންޒާރެއް ކަމަށް ބެލެވެއެވެ.
އެމެރިކާ އިން މިހާރު ވަނީ ހުރްމުޒް އަށް ވަންނަން މަސައްކަތްކުރާ އުޅަނދުތަކާއި ދެކޮޅަށް ހިންގި އަސްކަރީ އޮޕަރޭޝަން ހުއްޓާލާފައެވެ.










