މިދިޔަ އަހަރު ރާއްޖެއިން ބޭރުގެ މާާކެޓްތަކަށް އެކްސްޕޯޓްކުރި ކަނޑުމަހުގެ އަދަދު 92 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މަސް އެކްސްޕޯޓްކުރުމުގެ އިތުރުން މަސް ގަންނަ ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަތް މިންވަރުވެސް ވަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ރާއްޖެއިން ޖުމްލަ 36,538 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 92 އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުން ލިބުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު 158 އިންސައްތަ ނުވަތަ 35,181.5 މެޓްރިކް ޓަނަށް އިތުރުވުމެވެ. މީގެ އިތުރުން، ގަނޑުކުރި ރީނދޫ އުރަހަ ކަންނެލި ބޭރުކުރި މިންވަރު 7 އިންސައްތަ އިތުރުވެ، 553.7 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ.
މީގެ އިތުރުން ދަޅުގައި ނުވަތަ ޕައުޗްގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު 9 އިންސައްތަ އިތުރުވެ، 510.8 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ. އަދި ހިއްކި މަސް ބޭރުކުރި މިންވަރު 32 އިންސައްތަ އިތުރުވެ، 364.5 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން މަސްވެރިންގެ އަތުން މަސް ގަތް މިންވަރުވެސް 2025 ވަނަ އަހަރު ވަނީ 66 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރެއިން ކަނޑުމަސް ގަތް މިންވަރު 80 އިންސައްތަ (32,000 މެޓްރިކް ޓަނު) އިތުރުވެފައިވާއިރު، ރީނދޫ އުރަހަ ކަންނެލި ގަތް މިންވަރު ވަނީ 20 އިންސައްތަ ނުވަތަ 2,000 ޓަނަށްވުރެ އިތުރުވެފައެވެ.
ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ މަހުގެ ބާވަތްތަކަށްވާއިރު، މި ސިނާއަތުން އިގުތިސާދަށް ކުރާ ފައިދާ އިތުރުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން މަސް ޕްރޮސެސިން ކެޕޭސިޓީ އާއި މަސް ރައްކާކުރާ މިންވަރު އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރާއްޖޭގެ މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރުކުރުމެވެ.










