ބޭންކް އޮފް މޯލްޑިވްސްގެ "ބޭންކް ފަންޑު" ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) ޖަމިއްޔާގެ ފަރާތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް އިތުރަށް ތަރައްގީކޮށް، އެ ތަނުގައި ޒަމާނީ ޑިޖިޓަލް ސްޓޫޑިއޯއެއް މިއަދު ހުޅުވައިފި އެވެ.
2025 ވަނަ އަހަރުގެ ބޭންކް ފަންޑު ކާމިޔާބުކޮށްގެން ހިންގި މި މަޝްރޫއުގެ ދަށުން ގާއިމުކުރި މި ދެ ކްލާސްރޫމަކީ ދަރިވަރުންގެ އަމަލީ މަސައްކަތުގެ ހުނަރުތަކާއި އުފެއްދުންތެރިކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ތަންތަނެވެ. ޒަމާނީ ވަސީލަތްތަކާއެކު މި ތަންތަން ތަރައްގީކުރުމުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް އެކަށީގެންވާ ތަމްރީނު ފޯރުކޮށްދީ، މަސައްކަތްތެރިކަމުގެ ދާއިރާއިން އެކުދިން ހަރުދަނާ ކުރުމެވެ.
މި ސްކޫލުގައި އަލަށް ހުޅުވި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގަ އެވެ. މި ސްޓޫޑިއޯ މެދުވެރިކޮށް ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާ ގުޅޭ ތަފާތު ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ވަނީ ކުރިން އެ ސްކޫލުގައި ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިންގ ލެބް ވެސް ބޮޑެތި ބަދަލުތަކަކާއެކު ތަރައްގީކޮށްފަ އެވެ. އެގޮތުން މި ލެބްގައި ކާޕެންޓްރީ ބައެއް ހިމަނައި، ވަޑާންކުރުމަށް ބޭނުންވާ ސާމާނާއި، ބެޓެރީން މަސައްކަތްކުރާ އިލެކްޓްރިކް ޓޫލްތަކުގެ އިތުރުން ސަލާމަތީ އާލާތްތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އަދި ލެބްގެ ފެހުމުގެ ބައި ވެސް ވަނީ އައު ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ އެހެނިހެން ސާމާނާއެކު އިތުރަށް ފުރިހަމަކޮށްފަ އެވެ.
ފޭލި ޖަމިއްޔާއިން ހާމަކުރި ގޮތުގައި، މި ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް ބޭނުންވާ ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި މެދުނުކެނޑި ކުރިއަށްދާނެ އެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުން މުޖުތަމައުގެ ކުރިއެރުމަށް ހިންގާ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. މި ގްރާންޓަށް ހޮވޭ ކޮންމެ 5 ޖަމިއްޔާއަކަށް، އެ ޖަމިއްޔާތަކުން ހުށަހަޅާ މަޝްރޫއުތައް ހިންގުމަށް ބޭންކުގެ ފަރާތުން 200,000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.









