ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނެފައިވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިރޭ 8:00 އާ ހަމައަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
ހުޅަނގު މޫސުން ފެށެން ކައިރިވުމާ އެކު، ދެ މޫސުން ބެދޭ މި ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވިދައި ގުގުރާފައިވާއިރު، ހުޅުމާލޭގެ ބައެއް ތަންތަނަށް ހޮނު އެޅުމުގެ ހާދިސާތަކެއް ވެސް ވަނީ ހިނގާފަ އެވެ.
އާންމު ގޮތެއްގައި މެއި މަހުގެ ކުރީކޮޅުން ފެށިގެން ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށަ އެވެ. އެގޮތުން މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރަން ފަށައި، މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.
މޫސުމާ ބެހޭ ރެކޯޑްތަކަށް ބަލާއިރު، މިދިޔަ އަހަރު މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވަނީ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.








