ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަށްޓެރި ސްރީލަންކާއަށް އަންނަ އާދިއްތަ ދުވަހު ފައްޓަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި މުހިންމު ހަތް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުއިއްޒު ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން އެ ގައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި "ޕްރެސާ ވިތް ދަ ސްޕޮކްސް" ގައި މުންދު ވިދާޅުވީ، ލަންކާއަކީ ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށާއި، މި ދަތުރުފުޅުގެ ތެރެއިން އެކި ދާއިރާތަކުން ގިނަ އެމްއޯޔޫތަކެއްގައި ސޮއިކުރެވޭނެ ކަމަށެވެ.
"މަދުވެގެން ހަތް އެއްބަސްވުން މިހާރު އޮތް ގޮތުން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭނެ. މުހިންމު ދާއިރާތަކުން،" މުންދު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ލަންކާގެ ކޮލަންބޯގައި ހާއްސަ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތައް ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ހާލު ބެއްލެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.








