ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީދޫ ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިރޭ 00:00 އިން ފެށިގެން ފަތިހު 05:00 އާ ހަމައަށް އެ ސަރަހައްދަށް ބާރަށް ގުގުރުމާއެކު ވިއްސާރަކުރާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށާއި، ދެކުނާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މި ވަގުތުތަކުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެ އެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމީ ރިޕޯޓްތަކުން ދައްކަ އެވެ.


މާލެ ސިޓީއަށް މިރޭ މޫސުން ގޯސްވެ، އެންމެ ފުރަތަމަ ބާރުގަދަ ގުގުރުމަކާއެކު ވިދާލާފައިވަނީ މިރޭ 11:00 ޖަހާކަންހާއިރު އެވެ. އެ ވަގުތުން ފެށިގެން ހުޅުމާލޭގެ އުޑުމަތިން ގިނަ އަދަދަކަށް ވިދާ، ބާރުގަދަ އަޑުފަށާއެކު ގުގުރަމުންދާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނެ އެވެ.
މި ވިއްސާރައިގެ ތެރެއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ހޮނު އަޅާފައިވާ ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރަށާއި އޫރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް އިމާރާތަށް ވަނީ ހޮނު އަޅާފަ އެވެ. މީގެ އިތުރުންވެސް ހުޅުމާލޭގެ އެހެން ބައެއް ސަރަހައްދުތަކަށް ހޮނު އަޅަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.







