މިރޭ މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން، ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ހޮނު އަޅައިފި އެވެ.
މިރޭ މޫސުން ގޯސްވެ، އެންމެ ފުރަތަމަ ބާރުގަދަ ގުގުރުމަކާއެކު ވިދާލާފައިވަނީ 11:00 ޖަހާކަންހާއިރު އެވެ. އެ ވަގުތުން ފެށިގެން ހުޅުމާލޭގެ އުޑުމަތިން ގިނަ އަދަދަކަށް ވިދާ، ބާރުގަދަ އަޑުފަށާއެކު ގުގުރަމުންދާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނެ އެވެ.
މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، މިރޭގެ ގުގުރުމުގެ ތެރެއިން ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރަށާއި އޫރީދޫ މޯލްޑިވްސްގެ ހެޑް އޮފީސް އިމާރާތަށް ވަނީ ހޮނު އަޅާފައެވެ. މީގެ އިތުރުންވެސް ހުޅުމާލޭގެ އެހެން ބައެއް ސަރަހައްދުތަކަށް ހޮނު އަޅަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.


ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ކ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ރީދޫ ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މިރޭ 00:00 އިން ފެށިގެން ފަތިހު 05:00 އާ ހަމައަށް އެ ސަރަހައްދަށް ބާރަށް ގުގުރުމާއެކު ވިއްސާރަކުރާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށާއި، ދެކުނާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.







