އައްޑޫ ސިޓީ ހުޅުމީދޫގައި ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ބޮޑަށް ޒަހަމްކޮށްލައިފި އެވެ.
މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:50 އެހައިކަންހާއިރު ހުޅުމީދޫ ހެލްތު ސެންޓަރުންނެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހަމަލާދީފައިވަނީ ގެއެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި މާރާމާރީއަކީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން ހިނގި ކަމެއް ކަމަށް ބެލެވެ އެވެ. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އެ މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފަ އެވެ.
މި މާރާމާރީގައި އަނިޔާވެފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









