ސަރުކާރުން ދަރަނި ދެއްކުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މި މަހުގެ ތެރޭގައި އެކަނިވެސް ބިލިއަނެއްހާ ޑޮލަރުގެ ދަރަނި 21 ދުވަސްތެރޭގައި ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ބޭރުގެ ދަރަނިތަކާއި އެތެރޭގެ ދަރަނިތައް ދެއްކުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި 924 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، އިންޑިއާއާއެކު ސޮއިކުރެވުނު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން ދައްކަންޖެހޭ ފައިސާ ހިމެނެއެވެ.
"21 ވަރަކަށް ދުވަސްތެރޭގައި އަޅުގަނޑުމެން ބިލިޔަނެއްހާ ޑޮލަރު މިވަނީ ދައްކާފައި. ދަރަނި ދައްކާފައި ރައްޔިތުންނަށް މީގެ އެއްވެސް ކަހަލަ ޑިފޯލްޓެއް ކުރިމަތިވިޔަ ނުދީ އެއްވެސް ހަރުމުދަލެއް، ރަހުނަކާއި ނުލައި އޭގެ ބަދަލުގައި ކުރިން ރަހުނުކޮށްފައި ހުރި ތަންތަން މިވަނީ ސަލާމަތްކޮށްފައި،" ދަރަނި ދެއްކުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
އަދި މި މަސައްކަތް ކުރިއަށްދަނީ ސަރުކާރުގެ އެއްވެސް މަސައްކަތެއް ހުއްޓުމަކަށް ނައިސް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޭރުގެ ދަރަނީގެ އިތުރުން، އެތެރޭގެ ދަރަނިތައް ނުވަތަ ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވެސް ސަރުކާރުން އަންނަނީ އިސްކަންދެމުންނެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 3.3 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަހުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު 260 މިލިއަން ރުފިޔާ ދިވެހި ކުންފުނިތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެވްރެޖްކޮށް ކޮންމެ ހަފްތާއަކު 700 އެއްހާ ވެންޑަރުންނަށް ފައިސާ ދޫކުރެވެމުންދެއެވެ. މިއީ އެކި މިނިސްޓްރީތަކާއި ކުންފުނިތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތްތަކަށް ދައްކަންޖެހޭ ފައިސާއެވެ. މި ފައިސާ ދައްކަމުންދަނީ ރާއްޖޭގެ އެކި މަސައްކަތްތައް ނަގައިގެން ކުރިއަށްގެންދާ ފަރާތްތަކަށް ދަތިނުވާނެ ގޮތެއްގެ މަތިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އިތުރު ދަރަންޏެއް ނުނަގައި އަދި އިތުރު ރަހުނަކާ ނުލައި ދަރަނިތައް އަދާކުރުމަށެވެ. އަދި ރައްޔިތުންގެ ނަންމަތީގައި ކުރިން ނަގާފައިވާ ދަރަނިތަކަށް ރަހުނުކޮށްފައިވާ ތަންތަން އަނބުރާ ހޯދައި، އިގްތިސާދު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.









