ދައުލަތުގެ މިއަހަރުގެ ބަޖެޓުން ހަރަދުކޮށްގެން މާލެ ސަރަހައްދުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި އެފަދަ ފަރުވާ ދޭ ހޮސްޕިޓަލެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން މީގެ ކުރިން އިއުލާނުކޮށްފައި ވަނީ ބޭރުގެ ލޯނު އެހީއެއްގެ ދަށުންނެވެ. ނަމަވެސް އެ އެހީ ލިބުން ލަސްވަމުންދާތީ، ރައްޔިތުންނަށް ދޭ ހިދުމަތް އަވަސްކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެ މަސައްކަތް ކުރިއަށް ގެންދަން މިހާރު ވަނީ ނިންމާފައެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ލ. ގަމުގައި 14,000 އަކަފޫޓުގެ ބިމެއްގައި ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލެއް އަޅަން އިއުލާނުކޮށްފައެވެ. ރައީސް ވިދާޅުވީ މާލޭގައި މި ހޮސްޕިޓަލް ގާއިމްކުރުމަށްޓަކައި ވެސް އެވަރުގެ ބިމެއް މިހާރު ހޯދާފައިވާ ކަމަށެވެ.
"އޮރިޖިނަލީ ލޯނު އެހީގައި އަޅަން ނިންމާފައި އޮތް ހޮސްޕިޓަލް އަޅަން އޮތީ ލ. ގަމުގައި. އެ ޕްރޮޖެކްޓް ހަމަ އެތަނުގައި ކުރިއަށް ގެންދިއުން އެގޮތުގައި ބާއްވާފައި އެ ޕްރޮޖެކްޓް ކެންސަލް ނުކޮށް، މި ދެންނެވިހެން އެއަށް ފަހުން ގޮތެއް ނިންމާނީ، މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ މިހާރު،" ރައީސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މި ހޮސްޕިޓަލް އެޅުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ ނަފްސާނީ މައްސަލަތައް ހުންނަ މީހުން އެންމެ ގިނައީ މާލޭގައި ކަމަށްވުމެވެ. ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިމަހުގެ 24 އާ ހަމައަށް 10,954 މީހުންނަށް ނަފްސާނީ ބަލީގެ ފަރުވާއަށް އާސަންދަ ދީފައިވާއިރު، އޭގެ ތެރެއިން 8,125 މީހުންނަކީ މާލެއިން ހިދުމަތް ހޯދި މީހުން ކަމަށެވެ.
މީގެ އިތުރުން، މުޖުތަމައުގައި ބުލީ ކުރުން ހުއްޓުވުމަށްޓަކައި ހާއްސަ ގާނޫނެއް ފަރުމާ ކުރަމުން އަންނަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މި ގާނޫނުގައި ބުލީ ކުރުމާއި ފުރައްސާރަ ކުރުމުގެ އަމަލުތަކާއި، އެފަދަ ކަންކަމާ ގުޅިގެން އެޅޭނެ ފިޔަވަޅުތައް ތަފްސީލުކޮށް ބަޔާންކުރާނެ ކަމަށް ރައީސް މައުލޫމާތު ދެއްވިއެވެ.









