އޮސްޓްރޭލިއާގެ އެލިސް ސްޕްރިންގްސްގެ އަވަށަކުން ގެއްލިގެން ހޯދަމުންދާ އުމުރުން 5 އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެ ކުއްޖާ ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
ޝެރަންގެ ނަމުން ނަންދެވިފައިވާ މި ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. އޭނާ ގެއްލިފައިވަނީ އެލިސް ސްޕްރިންގްސްގައި ހުންނަ އޭނާގެ އާއިލީ ގޭގައި ނިދަން ބޭއްވި ފަހުންނެވެ.
ނޮދަން ޓެރިޓަރީ ޕޮލިސްގެ އެކްޓިން ކޮމާންޑަރު މާކް ގްރީވް މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަމުންދަނީ އުމުރުން 47 އަހަރުގެ ޖެފަސަން ލޫވިސް ކަމަށެވެ. ލޫވިސްއަކީ ދާދި ފަހުން ޖަލުން މިނިވަންވެފައިވާ މީހެއް ކަމަށާއި، ކުއްޖާ ގެއްލުނު ވަގުތާ ދިމާކޮށް އޭނާވެސް އެ ސަރަހައްދުން ފިލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. ލޫވިސްއަކީ މީގެ ކުރިންވެސް ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
"މިހާ ކުޑަ ކުއްޖަކު ގެއްލުމަކީ ވަރަށް ބިރުވެރި ހާލަތެއް. މިހާރު 24 ގަޑިއިރަށްވުރެ ގިނަ އިރުވެފައިވާއިރު، މިއީ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ބަލާއިރު ކުރިމަތިވާނެ އެންމެ ބިރުވެރި ހުވަފެން،" ކޮމާންޑަރު ގްރީވް ވިދާޅުވިއެވެ.
ޝެރަން އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ކަރުވަށައިގެންނާއި އަތްކުރީގައި ހުދުކުލައިގެ ބޯޑަރެއް ހުރި ގަދަ ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ބޮކްސާ ބުރިއެކެވެ.
ފުލުހުން ބުނި ގޮތުގައި، މިހާރު ދަނީ ޑްރޯންއާއި، ހެލިކޮޕްޓަރުގެ އިތުރުން ހާއްސަ ކުއްތާތައް ބޭންކޮށްގެން އެ ސަރަހައްދުގެ ވަށައިގެންވާ ޖަންގަލިތަކާއި ސަހަރާގެ ތެރޭގައި ޝެރަން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ގިނަ އަދަދެއްގެ ހިލޭސާބަހަށް މަސައްކަތްކުރާ މީހުންވެސް މި އޮޕަރޭޝަނުގައި ދަނީ ބައިވެރިވަމުންނެވެ.
ފުލުހުން ވަނީ ލޫވިސްއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންނަށް އެންގުމަށް އިލްތިމާސްކޮށްފައެވެ. ފުލުހުންގެ އެންމެ ބޮޑު އުންމީދަކީ ޝެރަން ސަލާމަތުން ފެނި، އަވަސް ފުރުސަތެއްގައި އޭނާގެ އާއިލާއާ ހަވާލުކުރުން ކަމަށް ކޮމާންޑަރު ވިދާޅުވިއެވެ.










