މެންޗެސްޓަރ ސިޓީގެ މެދުތެރޭގެ ތަރި ބެނާޑޯ ސިލްވާ، ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑަށް ގެންދިއުމަށް އޭނާގެ އެޖެންޓް ހުށަހެޅި ފުރުސަތު އެ ކްލަބުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "އޭއެސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސިލްވާގެ އެޖެންޓް ޖޯޖް މެންޑޭސް ވަނީ އޭނާގެ ކްލައިންޓް ރެއާލް މެޑްރިޑަށް ސޮއިކުރުވުމަށްޓަކައި އެ ކްލަބާ މަޝްވަރާކޮށްފަ އެވެ. މި ސީޒަން ނިމުމުން ސިޓީ ދޫކޮށްލާނެކަން ކަށަވަރުވެފައިވާ އުމުރުން 31 އަހަރުގެ ޕޯޗުގަލް މިޑްފީލްޑަރު ބޭނުންވަނީ ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކްލަބެއްގައި އޭނާގެ ކެރިއަރު ކުރިއަށް ގެންދިއުމަށެވެ.
ބެނާޑޯ ސިލްވާ އަކީ ތަޖުރިބާކާރު އަދި ފެންވަރު ރަނގަޅު ކުޅުންތެރިއަކަށް ވުމުގެ އިތުރުން، އަންނަ ޖޫން މަހުގެ ނިޔަލަށް ސިޓީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާއެއްގައި ލިބެން އޮތް ކުޅުންތެރިއެކެވެ. މިއީ އޭނާ ހޯދުމަށް ކްލަބްތަކުން ޝައުގުވެރިވާ މައިގަނޑު އެއް ސަބަބެވެ. ރެއާލްގެ ވާދަވެރި ބާސެލޯނާއިން ވެސް ސިލްވާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މީގެ ކުރިން އަޑުތައް ފެތުރިފައިވެ އެވެ.
ނަމަވެސް "އޭއެސް" ނޫހުން ބުނާ ގޮތުގައި، ރެއާލް މެޑްރިޑުން ސިލްވާގެ ހުނަރަށް ވަރަށް ބޮޑަށް އިހުތިރާމް ކުރި ނަމަވެސް، އޭނާ އަކީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އެ ކްލަބުން ބޭނުންވާ ފެންވަރުގެ ނުވަތަ "ޕްރޮފައިލް" ގެ ކުޅުންތެރިއެއް ނޫނެވެ. އެހެންކަމުން މެންޑޭސްގެ ހުށަހެޅުމަށް ރެއާލުން ވަނީ ވަގުތުން އިންކާރުކޮށްފަ އެވެ.
ރެއާލް މެޑްރިޑުން އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެންމެ ބޮޑު އިސްކަމެއް ދެނީ މެދުތެރޭގައި ކުޅޭނެ ޑިފެންސިވް މިޑްފީލްޑަރެއް ހޯދުމަށެވެ. އެ ކްލަބުގެ އެންމެ ބޮޑު އަމާޒަކީ ސިޓީގައި ސިލްވާއާއެކު ކުޅެމުންދާ ސްޕެއިންގެ ރޮޑްރީ އެވެ. ރޮޑްރީ ހޯދުމަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމުގައި ވިޔަސް، ރެއާލުން ބޭނުންވަނީ އޭނާ ގެންދިއުމަށެވެ.
ސިލްވާގެ މުސްތަގުބަލާ މެދު އަދި ވަކި ގޮތެއް ނުނިމުނު ނަމަވެސް، އިޓަލީގެ ޔުވެންޓަސްއިން އޭނާއަށް ޝައުގުވެރިވާ ކަމަށް ދެކެވޭ ވާހަކަތައް ދަނީ އިތުރުވަމުންނެވެ. އަދި އޭނާގެ ކެރިއަރު ފެށި ކްލަބް ކަމަށްވާ ބެންފީކާއަށް އެނބުރި ދިއުމުގެ ފުރުސަތެއް ވެސް އޮތް ކަމަށް ބެލެވެ އެވެ.
2017 ވަނަ އަހަރު އޭއެސް މޮނާކޯއިން 50 މިލިއަން ޔޫރޯއަށް ސިޓީއާ ގުޅުނު ސިލްވާ ވަނީ އެ ކްލަބާއެކު 6 ފަހަރު ޕްރިމިއާ ލީގު އަދި 2023 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. މި ސީޒަނުގައި ވެސް އޭނާ ވަނީ މިހާތަނަށް 47 މެޗު ކުޅެ، 3 ލަނޑު ޖަހައި 5 އެސިސްޓް ދީފައެވެ. ސިލްވާ މިހާރު އަމާޒު ހިފާފައިވަނީ މި ސީޒަނުގެ ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ ތަށި ސިޓީއަށް ހޯދައިދީ، ކާމިޔާބީއާއެކު ކްލަބުން ވަކިވުމަށެވެ.
ބެނާޑޯ ސިލްވާގެ މެންޗެސްޓަރ ސިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު އޭނާ ވަނީ މިހާތަނަށް 454 މެޗު ކުޅެދީ 76 ލަނޑު އަދި 77 އެސިސްޓު ކޮށްދީފަ އެވެ.










