ހައްޖާއި އުމްރާގެ ޚިދުމަތް ދިނުމާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދެއްކުމަށްފަހު ދަތުރުނުކުރެވުމުގެ މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ޑރ. ޝަހީމް ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ މިކަމަށް ހާއްސަ ގާނޫނެއް އެކުލަވާލައިގެން ކަމަށެވެ. މި ގާނޫނުގައި ހައްޖު ކޯޕަރޭޝަންގެ ދައުރާއި އަމިއްލަ ކުންފުނިތަކުގެ ދައުރުގެ އިތުރުން، ހިދުމަތް ދިނުމުގައި ކުންފުނިތަކުން ކުރާ ކުށްތަކަށް އަދަބުދެވޭނެ ހަރުދަނާ ނިޒާމެއް ހިމެނެންޖެހޭނެ ކަމަށް މިނިސްޓްރީ ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މި ހިދުމަތް ތަރުތީބުކޮށް ދެމުން އަންނަނީ ހާއްސަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ ފައިސާ އާއި ރައްޔިތުންގެ މަސްލަހަތާއި ހައްގުތަކާއި ގުޅޭ ކަމެއް. ގާނޫނެއް އޮންނަންޖެހޭ. މާދުރު ނޫން މުސްތަގްބަލެއްގައި މި މަސައްކަތް ކުރުމަށް މަސައްކަތްކުރާނަން. މެންބަރުންގެ ތާއީދާއެކު މިކަމަށް އަދުލުވެރި ހައްލެއް ގެނެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ މިފަދަ ކުށްތަކާއި އިހުމާލުތައް ހުއްޓުވޭނީ ގާނޫނުގެ ތެރެއިން ކަމަށެވެ.
މިއަހަރާއި ވޭތުވެދިޔަ އަހަރުތަކުގައިވެސް އުމްރާއާއި ހައްޖުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އަމިއްލަ ކުންފުނިތަކުން އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ ތެރޭގައި އަޅުކަމަށް ދަތުރުނުކުރެވުމާއި، އާންމު ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާއަށް އިހުމާލުވުމުގެ މައްސަލަތައް ހިމެނެއެވެ. މިހާރު މި ހިދުމަތް ދެމުން އަންނަނީ ވަކި އުސޫލުތަކަކާއި ގަވާއިދުތަކެއްގެ ދަށުންނެވެ.
އަލަށް އެކުލަވާލާ ގާނޫނުގެ ސަބަބުން މައްސަލަތައް ބެލުމުގެ އޮނިގަނޑު ހަރުދަނާވެ، ޒިންމާދާރުކަމާއެކު ހިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ހިދުމަތަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެއެވެ. ރާއްޖޭގައި މިހާރުވެސް ގިނަ އަދަދެއްގެ ކުންފުނިތަކުން އަންނަނީ އުމްރާގެ ހިދުމަތް ދިނުމަށް ރަޖިސްޓްރީވެ މަސައްކަތް ކުރަމުންނެވެ.









