ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް، އޭނާގެ ފަސްވަނަ ސްޓޫޑިއޯ އަލްބަމް "ކޮނަކޮލް"ރަސްމީކޮށް ނެރެފި އެވެ. މިއީ އޭނާގެ ހަތަރުވަނަ އަލްބަމް "ރޫމް އަންޑާ ދަ ސްޓެއާސް" 2024 ވަނަ އަހަރު ނެރުނު ފަހުން، ކުރު މުއްދަތެއްގެ ތެރޭގައި އާންމުންނާ ހަމައަށް ގެނެސްދިން އާ މަސައްކަތެކެވެ.
މި އަލްބަމަށް ދީފައިވާ ނަން "ކޮނަކޮލް" އަކީ ދެކުނު އިންޑިއާގެ ކާނާޓިކް މިއުޒިކްގައި އަނގަބަހުން ރިދަމް ނުވަތަ ބީޓްސް އުފައްދާ ފަންނަށް ކިޔާ ނަމެކެވެ. ޒޭން ބުނި ގޮތުގައި، މި އަލްބަމަކީ އޭނާގެ އަމިއްލަ ސަގާފަތާއި ތަރިކައާ ވަރަށް ބޮޑަށް ގުޅިފައިވާ، އަމިއްލަވަންތަ މަސައްކަތެކެވެ. އަލްބަމްގެ ކަވަރުން ވެސް މިކަން ވަރަށް ބޮޑަށް ރަމްޒުކޮށްދެ އެވެ. ކަވަރުން ފެންނަނީ ޒޭންގެ މޫނާއި، ދެކުނު އޭޝިއާގެ ސަގާފީ މުހިންމު ރަމްޒެއް ކަމަށްވާ "ސްނޯ ލެޕާޑް" އެއްގެ މޫނު އެކުވެފައިވާ މަންޒަރެކެވެ.
ޖުމްލަ 15 ލަވަ ހިމެނޭ މި އަލްބަމްގެ ތެރޭގައި "ސައިޑްވޭސް"، "ޑައި ފޮ މީ"، "މީ" އަދި "ސައިޑް އިފެކްޓްސް" ފަދަ ލަވަތައް ހިމެނެ އެވެ. އަލްބަމްގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަވަޔަކީ ފުރަތަމަ ލަވައިގެ ގޮތުގައި ހިމަނާފައިވާ "ނުސްރަތު" އެވެ. މި ލަވައަކީ ޕާކިސްތާނުގެ މަޝްހޫރު ގައްވާލީ ލަވަކިޔުންތެރިޔާ ނުސްރަތު ފަތޭ އަލީ ހާނަށް ހާއްސަކޮށްގެން އުފައްދާފައިވާ ލަވައެކެވެ.
އަލްބަމް ނެރުމާއެކު، އަންނަ މަހުގެ 12 ވަނަ ދުވަހު އިނގިރޭސިވިލާތުގެ މެންޗެސްޓާ އިން އޭނާގެ "ކޮނަކޮލް ޓުއާ" ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ. މި ޓުއާގެ ޝޯތައް މި އަންނަ ނޮވެމްބަރު މަހާ ހަމައަށް ދުނިޔޭގެ އެކި ސިޓީތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އިނގިރޭސި ބޯއީ ބޭންޑް "ވަން ޑިރެކްޝަން" އިން މަގުބޫލުކަން ހޯދި ޒޭން މާލިކް އަކީ އޭނާގެ އަމިއްލަ މިއުޒިކީ ދަތުރުގައި ތަފާތު ތަޖުރިބާތަކެއް ކުރަމުން އަންނަ ފަންނާނެކެވެ. މި އާ އަލްބަމަކީ އޭނާގެ ފޭނުންނަށް ލިބިގެންދާނެ ވަރަށް ތަފާތު އަދި މާނަފުން ހަދިޔާއަކަށް ވެގެންދާނެ އެވެ.










