ސަރުކާރުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން މިހާރު ކުރިއަށްދަނީ ސަރުކާރު ކުޑަކުރުމުގެ މަސައްކަތް ކަމަށާއި، ސަރުކާރުގެ އޮނިގަނޑު ވީ އެންމެ ކުޑަ މިންވަރަކަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ވީހާވެސް ކުޑަ ސަރުކާރަކުން ހިދުމަތްތައް ފޯރުކޮށްދިނުމަށާއި، "ގުޑް ގަވާނެންސް" ނުވަތަ ހެޔޮވެރިކަމުގެ ހުރިހާ ސިފަތަކެއް ސަރުކާރުގައި ހުރުމަށް ކަމަށެވެ. އަދި ހަމަހަމަކަމާއެކު ދެފުށް ފެންނަ ގޮތެއްގައި ވަޒީފާތަކަށް މީހުން އައްޔަނުކުރުމަކީ ރައްޔިތުންގެ ބޮޑު އެދުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރު މިނިސްޓްރީތަކުގެ އަދަދު 15 އަށް މަދުކުރެވިފައިވާ ކަމަށެވެ.
"މިހާރު މިނިސްޓްރީތައް މިވަނީ ފަސް މިނިސްޓްރީ މަދުކޮށް 15 އަށް ކުޑަކުރެވިފައި. ހަމައެކަނި ނަންބަރު އޮފް މިނިސްޓްރީސް މަދުކުރިޔަސް ސަރުކާރު ކުޑައެއް ނުވާނެ. އެހެންކަމުން ސަރުކާރު ކުޑަކުރުމުގެ މަސައްކަތްތަކެއް މިހާރު މި ކުރެވެނީ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައި ތިބި މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ފެންވަރަށް ބަލައި (ޕާފޯމެންސް ބޭސްކޮށް)، ވީހާވެސް ގިނަ ފަރާތްތަކެއް ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކެމްޕޭނަކާ ގުޅިގެން ނުވަތަ ސިޔާސީ ނުފޫޒުން ވަޒީފާ ދިނުމުގެ ސަގާފަތް މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ވަޒީފާތަކަށް މީހުން ނަގާނީ އާންމުކޮށް އިއުލާނުކޮށްގެން، މީހާގެ ތައުލީމާއި ތަޖުރިބާއަށް ބަލައި މެރިޓް އުސޫލުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގަވާއިދާ ހިލާފަށް ވަޒީފާ ދީފައިވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް މިހާރު އަންގަވާފައިވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.









