ފަރަންސޭސިވިލާތުގެ ފިލްމީ ދާއިރާގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެއް ފަންނާނު ކަމަށްވާ ނަތާލީ ބޭ، އުމުރުން 77 އަހަރުގައި މަރުވެއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.
ބޭގެ އާއިލާއިން ފަރަންސޭސި ހަބަރު ފަތުރާ އެޖެންސީ 'އޭއެފްޕީ' އަށް މައުލޫމާތު ދިން ގޮތުގައި، އޭނާ މަރުވީ ސިކުނޑިއަށް ޖެހޭ ބައްޔެއް ކަމަށްވާ 'ލުވީ ބޮޑީ ޑިމެންޝިއާ' ތަހައްމަލު ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުން، ހުކުރު ދުވަހުގެ ރޭ ޕެރިހުގައި ހުންނަ އޭނާގެ އަމިއްލަ ގޭގަ އެވެ.
މި ހިތާމަވެރި ހަބަރާ ގުޅިގެން ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން ވަނީ ހިތާމަ ފާޅުކުރައްވާފަ އެވެ. ރައީސް މެކްރޮން ވިދާޅުވީ، ނަތާލީ ބޭ އަކީ ފަރަންސޭސި ސިނަމާގެ ތަނބެއް ފަދަ ޝަހްސިއްޔަތެއް ކަމަށާއި، އޭނާއަކީ ފަރަންސޭސި ރައްޔިތުން އެކުގައި ބޮޑުވި، އަދި އެކުގައި ހުވަފެންތައް ދެކުނު މަހުބޫބު ފަންނާނެއް ކަމަށެވެ. އަދި އެ ގައުމުގެ ސަގާފީ ވަޒީރު ކެތަރިން ޕެގާޑް ވިދާޅުވީ، ބޭ އަކީ އޭނާގެ ހުނަރާއި އުޖާލާ ޝަޚްސިއްޔަތުން ފަރަންސޭސި ސިނަމާގެ ތާރީހުގެ ދިގު ސަފުހާއެއް އަލިކޮށްދިން ފަންނާނެއް ކަމަށެވެ.
1948 ވަނަ އަހަރު ނޯމަންޑީގެ ފަންނުވެރި އާއިލާއަކަށް އުފަންވި ބޭ، އޭނާގެ ފަންނީ ހަޔާތް ފުރަތަމަ ފެށީ ނެށުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ފިލްމީ ދާއިރާއަށް ބަދަލުވެފަ އެވެ. އޭނާއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބުނީ 1973 ވަނަ އަހަރު ރިލީޒްކުރި ފްރާންސުއާ ޓްރޫފޯގެ ކޮމެޑީ ފިލްމު 'ލާ ނުއިޓް އަމެރިކޭން' އިންނެވެ.
ދިގު މުއްދަތަކަށް ފަންނީ ހަޔާތެއް ހޭދަކުރި ބޭ އަކީ ފަރަންސޭސިވިލާތުގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވާ އެއް ބަތަލާ އެވެ. ފަރަންސޭސިވިލާތުގެ އޮސްކާގެ ގޮތުގައި ބެލެވޭ 'ސޭޒާ އެވޯޑް' ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ބޭ ވަނީ، 1970 ގެ އަހަރުތަކުގައި ފިލްމީ ދާއިރާއަށް ނުކުތް ފަހުން އޭނާގެ ހަޔާތުގައި ގާތްގަނޑަކަށް 80 ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އޭނާގެ ފުރަތަމަ ސޭޒާ އެވޯޑް 1981 ވަނަ އަހަރު ހޯދިއިރު، އޭގެ ފަހުން 1982 އަދި 1983 ވަނަ އަހަރު ވެސް އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދި އެވެ. މީގެ އިތުރުން 1999 ވަނަ އަހަރުގެ ވެނިސް ފިލްމު ފެސްޓިވަލުގައި ވެސް އޭނާ ވަނީ އެންމެ މޮޅު ބަތަލާގެ ޝަރަފު ހޯދާފަ އެވެ.
ބޭ ވަނީ ބައިނަލްއަގުވާމީ ބޮޑެތި މަޝްރޫއުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން 2002 ވަނަ އަހަރު ސްޓީވެން ސްޕީލްބާގް އުފެއްދި 'ކެޗް މީ އިފް ޔޫ ކޭން' ގައި ލިއޮނާޑޯ ޑިކެޕްރިއޯގެ މަންމަގެ ރޯލު އަދާކުރި އެވެ. އަދި ފަހަކަށް އައިސް މަޝްހޫރު ސީރީޒް 'ކޯލް މައި އޭޖެންޓް' އާއި 'ޑައުންޓަން އެބީ' ފިލްމުން ވެސް އޭނާ ވަނީ ފެނިގެންގޮސްފަ އެވެ.
ފިލްމީ މަސައްކަތްތަކުގެ އިތުރުން، ނަތާލީ ބޭ އަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ފަރަންސޭސިވިލާތުގެ ގާނޫނީ ބައެއް އިސްލާހުތަކަށް އާންމުކޮށް ވަކާލާތުކުރި އިޖުތިމާއީ ގޮތުން ހަރަކާތްތެރި މީހެއްކަން ފާހަގަކޮށްލެވެ އެވެ.










