މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 01:00 އާ ހަމައަށެވެ. ވަރަށް ބޮޑަށް ހޫނުގަދަ ދުވަސްތަކަކަށް ފަހު، ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރަން ވަނީ ފަށާފައެވެ.
މިވަގުތު މާލެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުންދާއިރު، ކުޑަވަގުތުކޮޅެއްގެ ތެރޭގައި އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ބައެއް ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ. މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން މާފަންނު ސަރަޙައްދުގައި ހުރި ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނިގޮތުގައި ވިއްސާރަވި ނަމަވެސް، އާންމު ގޮތެއްގައި ވަޔާއި ކަނޑުތައް މަޑުވާނެ ކަމަށެވެ. ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި ވަޔާއި ކަނޑު އިތުރަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ވިއްސާރަ ކަމަށެވެ. ރާއްޖެއަށް ހުޅަނގު މޫސުން ރަސްމީކޮށް ފެށޭނީ އަންނަ މަހުގެ މެދުތެރޭގައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ހޫނުގަދަކޮށް އޮތުމަށްފަހު ވާރޭ ވެހެން ފެށުމާއެކު، ރާއްޖޭގެ ފިނިހޫނުމިން މިހާރު ވަނީ މަޑުމަޑުން ދަށަށް ދާން ފަށާފައެވެ.










