މާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ރަސްފަންނު އާޓިފިޝަލް ބީޗް ސަރަހައްދުގެ ތޮށިގަނޑު މަރާމާތުކުރުމުގެ (ބްރޭކްވޯޓާ ރީ-ޕްރޮފައިލިން) މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ފަށައިފި އެވެ.
މި މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން ހާމަކުރި ގޮތުގައި، ރަސްފަންނަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ހާއްސަކޮށް މާލޭގެ ހުޅަނގު ފަރާތުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް މުހިންމު ބޭނުންތަކެއް ކުރާ ސަރަހައްދެކެވެ. އެހެންކަމުން، އެ ކުންފުނީގެ އެންމެ ބޮޑު އިސްކަމަކީ މި ސަރަހައްދުގެ މަރާމާތުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި، އާންމުންނަށް ބޭނުންކުރެވޭނެހެން އެތަން ހުޅުވައިލުން ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
ރަސްފަންނު ސަރަހައްދުގެ ތޮށިގަނޑަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް، އެ ސަރަހައްދު ކުރިއަށްވުރެ ރައްކާތެރި ތަނަކަށް ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއަކީ، މާލޭގެ ހިތްފަސޭހަ މައިޒާންތައް ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އިޖުތިމާއީ އަދި އުމްރާނީ ހިދުމަތްތައް ތަރައްގީކުރުމަށް ދެއްވާ އިސްކަމުގެ ދަށުން، އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.









