ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނިގޮތުގައި، މިހާރު ރާއްޖޭގެ ދެކުނުގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެކެވެ. މިކަމާ ގުޅިގެން މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 21:30 އާ ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ކަނޑުމަގުން ކުރާ ދަތުރުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް އެ ސަރަހައްދުގައި ނުކުރުމަށާއި، ދަތުރުކުރާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދައި ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ބުންޏެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.









