ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެއް ޕާޓީއަކަށް ލިބޭގޮތަށް އޮތް ނިޒާމު ނައްތާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ރޭ ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ދެ ތާރީހެއްގައި ބޭއްވުމުގެ ސަބަބުން ކެންޑިޑޭޓުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަން ގެއްލިގެންދާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ ކެންޑިޑޭޓުންގެ ގޮތުގައި އެއިރެއްގައި އޮންނަ ސަރުކާރަކަށް ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުން ނުކުތުމުން ސުޕަ މެޖޯރިޓީ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާއި، ގައުމީ ވިސްނުން ނުގެންގުޅޭ ބަޔަކު ވެރިކަމުގައި ތިބިނަމަ އޭގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތަށް އިންތިހާބު ބޭއްވުމުން އެކި ޕާޓީތަކަށް މެންބަރުން ބެހިގެންދާނެ ކަމަށާއި، އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ އެކަށީގެންވާ ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވޭއިރު މިވާގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ހޮވެނީ ކާކުކަމެއް ނޭނގެ. ނޭނގޭ ހާލުގައި މަޖިލީިސް މެންބަރުން މިހޮވަނީ ހަމަ އެއް ދުވަހެއްގައި އެއް ވަގުތެއްގައި. އެހެންވީމަ ތިމަންނައަކީ ސަރުކާރުގެ ކެންޑިޑޭޓެކޭ ނުބުނެވޭނެ ނޫންތޯ،" ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ ޒިންމާދާރުކަމެއް ނެތް ސުޕަ މެޖޯރިޓީއެއް މަޖިލީހަށް އަތުވެއްޖެނަމަ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި އިސްކުރާނީ ސިޔާސީ ވިސްނުން ކަމަށެވެ. އެހެންކަމުން ސުޕަ މެޖޯރިޓީގެ ނިޒާމު ނައްތާލެވެން އޮތީ ދެ އިންތިހާބު އެކީގައި ބާއްވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ރައްޔިތުން ވޯޓުލާ އިންތިހާބަށްވާއިރު، މަޖިލިސް އިންތިހާބުވެސް އެ ދުވަހު ބޭއްވުމުން ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު މެންބަރުން ހޮވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވަނީ ކުރިއަށް އޮތް ވޯޓަކީ ސިޔާސީ ވިސްނުމުގެ ބަދަލުގައި ގައުމީ ވިސްނުމުގައި ދޭ ވޯޓަކަށް ހެދުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.










