ޔޫކްރެއިނުން ދިން ޑްރޯން ހަމަލާތަކަކާ ގުޅިގެން ރަޝިޔާގެ ހުޅަނގު ސަރަހައްދުގައި ހުންނަ ތެޔޮ ރައްކާކުރާ މަރުކަޒުތަކެއްގައި ބޮޑެތި އަލިފާނުގެ ހާދިސާތަކެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ރަޝިޔާގެ ސްމޮލެންސްކް ސަރަހައްދުގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާތައް ދީފައިވަނީ ޔޫކްރެއިންގެ އަސްކަރިއްޔާއިންނެވެ. މިއީ ރަޝިޔާގެ އަސްކަރީ މަރުކަޒުތަކަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ ވަސީލަތްތަކަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާތަކެކެވެ.
ސްމޮލެންސްކްގެ ގަވަރުނަރު ވިދާޅުވި ގޮތުގައި، މި ހާދިސާ ހިނގީ ޔޫކްރެއިންގެ ޑްރޯންތައް ވައްޓާލުމަށް ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން މަސައްކަތް ކުރި ވަގުތު، ޑްރޯންތަކުގެ ބައިތައް ތެޔޮ ރައްކާކުރާ ޓޭންކުތަކަށް ވެއްޓުމުގެ ސަބަބުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
ޔޫކްރެއިނުން ފަހަކަށް އައިސް ރަޝިޔާގެ އެތެރޭގެ އިގްތިސާދީ އަދި އަސްކަރީ މަރުކަޒުތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފައެވެ.










