އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވާ އެމެރިކާގެ މަތިންދާބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފިއެވެ. މިކަން ހާމަކުރެއްވީ ސްޕެއިންގެ ޑިފެންސް މިނިސްޓަރެވެ.
މި ނިންމުމާ ގުޅޭގޮތުން ސްޕެއިންގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އީރާނަށް ހަމަލާދިނުމަށް ނުވަތަ އެފަދަ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް އެމެރިކާގެ އެއްވެސް އަސްކަރީ އުޅަނދަކަށް ފުރުސަތު ނުދޭނެ ކަމަށެވެ. މިއީ ސަރަހައްދީ ހަމަޖެހުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެއެވެ.
ސްޕެއިންގެ މި ނިންމުމަކީ ނޭޓޯގެ މެންބަރު ގައުމަކުން އެމެރިކާގެ އަސްކަރީ ހަރަކާތްތަކާ ދެކޮޅަށް އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ. ސްޕެއިންގެ ސަރުކާރުން ބުނެފައިވަނީ އެ ގައުމަކީ ސުލްހައަށް ލޯބިކުރާ ގައުމެއް ކަމަށާއި، ހަމަނުޖެހުންތަކުގެ ތެރެއަށް ގައުމުގެ ވަސީލަތްތައް ދޫކޮށްލަން ބޭނުންނުވާ ކަމަށެވެ.
މި ނިންމުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ސްޕެއިންއަކީ ޔޫރަޕާއި މެދުއިރުމަތީގެ ދެމެދުގައި އޮންނަ މުހިންމު ސްޓްރެޓީޖިކް ސަރަހައްދަކަށް ވާތީއެވެ.
އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހަނގުރާމައަކަށް ބަދަލުވެފައިވާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ މި ހަމަނުޖެހުންތައް ހުއްޓާލުމަށް ގޮވާލަމުންނެވެ. ސްޕެއިންގެ މި ނިންމުމާ ގުޅޭގޮތުން އެމެރިކާގެ ޕެންޓަގަންއިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.










