ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ 1،190 ހައުސިން ޔުނިޓްގެ ބިންގާ އަޅައި، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ ރަސްމީކޮށް ފަށައިފި އެވެ.
މި މަޝްރޫއަކީ ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެކެވެ.
މި މަޝްރޫއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން" (އައިއެންއޭއެޗް) ސިޔާސަތުގެ ދަށުން ކަނޑައަޅާފައިވާ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ބީއެމްއެލް އިން އުފެއްދި ސަބްސިޑިއަރީ ކުންފުނި، "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ" އިން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިއީ އެ ކުންފުނިން ގާއިމުކުރުމަށް ނިންމާފައިވާ ޖުމުލަ 3،260 ހައުސިން ޔުނިޓްގެ ބޮޑު މަޝްރޫއުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ.
މި ބިޔަ މަޝްރޫއުގެ ދަށުން މިދިޔަ ހަފުތާއެއްހާ ދުވަސްތެރޭގައި 1،706 ހައުސިން ޔުނިޓުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި މިރޭ ބިންގާ އެޅި އިތުރު 1،190 ހައުސިން ޔުނިޓާއެކު، މި މަޝްރޫއުގެ ދަށުން މިހާތަނަށް ޖުމުލަ 2،896 ޔުނިޓްގެ ބިންގާ މިވަނީ އަޅާފައެވެ.
މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްގެންގޮސް، 2028 ވަނަ އަހަރުގެ މެދުތެރޭގައި އެއްކޮށް ނިންމާލެވޭނެ އެވެ. މި މަޝްރޫއަކީ ރައްޔިތުންނަށް އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ ވަރަށް މުހިންމު މަޝްރޫއެކެވެ.









