ރާއްޖޭގެ އެކިކަންކޮޅުތަކަށް އިހުސާސް ކުރެވޭ ހޫނުމިން މައްޗަށް ދަމުންގޮސް، ބައެއް ހިސާބުތަކުގައި މިއަދު ހޫނުމިން 37 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކާ ގޮތުގައި މިއަދު ހެނދުނު 11:00 ޖެހިއިރު އެންމެ ބޮޑަށް ހޫނު އިހުސާސް ކުރެވިފައިވަނީ ހަނިމާދޫ އަށެވެ. އެގޮތުން ހަނިމާދޫގެ ހޫނުމިން 31 ޑިގްރީގައި ހުރި ނަމަވެސް، އިހުސާސްކުރެވޭ ހޫނުމިން ހުރީ 37.4 ޑިގްރީ ސެލްސިއަސް ގައެވެ.
މީގެ އިތުރުން ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން 36.3 ޑިގްރީގައި ހުރިއިރު، ކައްދޫއަށް 36.1 ޑިގްރީ، ކާޑެއްދޫއަށް 35.6 ޑިގްރީ އަދި ގަމަށް 34.5 ޑިގްރީ ސެލްސިއަސްގައި ހޫނުމިން ހުރިކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ އާންމު ހޫނުމިން މިދުވަސްވަރު އެވްރެޖުކޮށް 32 ޑިގްރީ ސެލްސިއަސްގައި ހުރި ނަމަވެސް، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އިހުސާސް ކުރެވޭ ހޫނުމިން މަތިވަނީއެވެ. މެޓް އޮފީހުން ބުނި ގޮތުގައި އިހުސާސްކުރެވޭ ހޫނުމިން އެވްރެޖުކޮށް 32 އާއި 45 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ހުންނާނެއެވެ. މިއީ ސިއްހީ ގޮތުން "ސަމާލުވާން ޖެހޭ" މިންވަރެކެވެ.
ގަދަ ހޫނުން ރައްކާތެރިވުމަށްޓަކައި ހެނދުނު 10:00 އިން ހަވީރު 4:00 އާ ދެމެދު އަވީގައި އުޅޭ މިންވަރު މަދުކުރުމަށާއި، ބޭރަށް ނުކުންނަނަމަ ކުޑަ ނުވަތަ ފުޅާ ތޮފި ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ކުލަމަޑު، ހަށިގަނޑު ނިވާވާ ފަދަ ދޫ ހެދުންލުމާއި، ޔޫވީ ރޭޑިއޭޝަން ފިލްޓާކޮށްދޭ އަވިއައިނު ބޭނުންކުރުން މުހިންމެވެ.
މީގެ އިތުރުން، ސިއްހީ މާހިރުން ލަފާދެއްވަނީ ގިނައިން ފެން ބުއިމަށާއި، ހަކުރު އަދި ކެފެއިން ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުމަށެވެ. އަދި ގިނަ ވަގުތު އަވީގައި ހޭދަކުރާނަމަ SPF-15 އަށް ވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.










