މެދުއިރުމަތީގެ ހަމަޖެހުން ނަގާލައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާ ގުޅިގެން ދެމުންދާ ހަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މައިދާނުގައި ކުށްވެރިކުރުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރޮޒެއިނާ އާދަމް އެކަމަށް ތައުރީފު ކުރައްވައިފި އެވެ.
ރޮޒެއިނާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ސަރުކާރުން މިހާރު ހާމަކުރަމުންދާ ސިޔާސަތަކީ ދިވެހި ހުރިހާ ރައްޔިތުންވެސް އަޑުއަހަން ބޭނުންވާ ފަދަ ހަރުދަނާ ނިންމުންތަކެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ އިހުސާސްތައް ބައިނަލްއަގުވާމީ މުޖުތަމައަށް އިއްވައިދޭތީ އެކަމާ އުފާކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


އިސްރާއީލުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރޮޒެއިނާ ވިދާޅުވީ، އިސްރާއީލަކީ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހިންގަމުންދާ، އިންސާނީ ފުރާނައަށް އެއްވެސް ގަދަރެއް ނުކުރާ ގާތިލުންތަކެއް ކަމަށެވެ. އަދި އެއީ މީހުންގެ ބިންތަކަށް ފޭރިގަނެގެން އުޅޭ ބައެއްކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި، އޭގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވަމުންދާ ތަދާއި ދަތިތަކުގެ އަސްލަކީ އިސްރާއީލާއި އެމީހުންގެ މަދަދުގާރުން ކަމަށް ރޮޒެއިނާ ތުހުމަތު ކުރެއްވި އެވެ. މި ހަމަނުޖެހުންތަކުގައި އެތައް ހާސް ކުށެއް ނެތް އިންސާނުންގެ ފުރާނަ ގެއްލެމުންދާއިރު، އެމެރިކާ ފަދަ ގައުމުތަކުން އިސްރާއީލަށް ވާގިވެރިވުމަކީ މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހާމަކުރެއްވި ގޮތުގައި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.
ޑރ. ސަލްމާ ރަޝީދު ވަނީ އީރާނުގެ މިނާބްގައި ހުންނަ "ޝަޖަރޭ ތައްޔިބާ" އަންހެން ކުދިންގެ ސްކޫލަށް ދިން ހަމަލާގައި 168 ކުދިން ޝަހީދުވި ހާދިސާ، ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
އަދި އިޒްރޭލާއި އެމެރިކާއިން އީރާނަށް ދެމުންދާ އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެކަމަނާ ވަނީ ފާޅުކުރައްވާފަ އެވެ. ރާއްޖެއިން ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާ އަދި "ސްޓޭޓް ޓެރަރިޒަމް" އަށް ހިތްވަރުދޭ އިޒްރޭލަކީ މި ހަމަނުޖެހުންތަކާއި ހަލާކުގެ އަސްލެވެ. އިޒްރޭލުގެ މި އަމަލުތަކުގެ ސަބަބުން ގަލްފުގެ ގައުމުތަކާއި، އުރުދުން، ފަލަސްތީން އަދި ލުބުނާނުގެ މަސްރަހު ނުތަނަވަސްވެ، ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް ރާއްޖެއިން ފާހަގަކުރި އެވެ.
މި ސަރުކާރުން ބައިނަލްއަގުވާމީ މަސްރަހުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކޮށް، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލަމުންދާ ދިއުމަކީ ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް އޮތް ކަމެކެވެ.







