މެންޗެސްޓަރ ސިޓީގެ މެދުތެރެއަށް ކުޅޭ އިތުބާރު މިޑްފީލްޑަރު ރޮޑްރީ، ކުރިން އެތުލެޓިކޯ މެޑްރިޑަށް ކުޅެފައިވީ ނަމަވެސް، ރެއާލް މެޑްރިޑާ ގުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހާމަކޮށްފިއެވެ.
ސްޕެއިންގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި، އުމުރުން 29 އަހަރުގެ ރޮޑްރީ ބުނީ ދުނިޔޭގެ އެންމެ މޮޅު ކްލަބުތަކުން ލިބޭ ފުރުސަތުތަކަށް "ނޫނެކޭ" ބުނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން އެތުލެޓިކޯ މެޑްރިޑަށް 47 މެޗު ކުޅެދީފައިވާ ރޮޑްރީ ބުނި ގޮތުގައި، އެތުލެޓިކޯއަށް ކުޅެފައި އޮތުމަކީ ރެއާލްއަށް ނުދެވޭނެ ސަބަބެއް ނޫނެވެ. އަދި މީގެ ކުރިންވެސް މި ދެ ކްލަބަށް ކުޅެފައިވާ ކުޅުންތެރިން ތިބިކަން އޭނާ ފާހަގަކުރިއެވެ. މީގެ ތެރޭގައި މިހާރު ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ އާއި ފޯވާޑް އަލްވާރޯ މޮރާޓާ ހިމެނެއެވެ.
2024 ވަނަ އަހަރުގެ ބެލޮންޑޯ އެވޯޑް ކާމިޔާބުކުރި ރޮޑްރީ، ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމުގައި ހަމަވާނެއެވެ. އޭނާ ބުނި ގޮތުގައި ސިޓީއާއެކު އައު އެއްބަސްވުމަކާ މެދު މަޝްވަރާކުރަން ޖެހޭ ކަމަށާއި، ނަމަވެސް ކޮންމެވެސް ދުވަހަކުން އަލުން ސްޕެއިންގެ ލީގަށް އެނބުރި ދާން ބޭނުންވާ ކަމަށެވެ. ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އޭނާއަށް ޝައުގުވެރިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރޮޑްރީ ބުނީ، އެފަދަ ކަމެއް އޮތް ނަމަ ސީދާ އޭނާއާ ވާހަކަ ނުދައްކާނެ ކަމަށާއި، ވާހަކަ ދައްކާނީ އޭނާގެ އެޖެންޓާ ކަމަށެވެ.
2019 ވަނަ އަހަރު އެތުލެޓިކޯއިން ސިޓީއާ ގުޅުނު ފަހުން ރޮޑްރީ ވަނީ އެ ޓީމަށް 293 މެޗު ކުޅެދީ 12 ބޮޑު ތަށި ކާމިޔާބުކޮށްދީފައެވެ. މީގެ ތެރޭގައި ހަތަރު ޕްރެމިއާ ލީގާއި އެއް ޗެމްޕިއަންސް ލީގު ހިމެނެއެވެ. 2024 ވަނަ އަހަރު ކުރިމަތިވި ކަކުލުގެ ސީރިއަސް އަނިޔާއަކަށްފަހު، މި ސީޒަނުގެ ޕްރެމިއާ ލީގުގައި އޭނާ މިހާތަނަށް ކުޅެފައިވަނީ 18 މެޗެވެ.
ސްޕެއިންގެ ގައުމީ ޓީމަށް 59 މެޗު ކުޅެދީ، 2024 ގެ ޔޫރޯ އާއި ނޭޝަންސް ލީގު ކާމިޔާބުކޮށްފައިވާ ރޮޑްރީ ވަނީ ކުރިއަށް އޮތް އެކުވެރިކަމުގެ މެޗުތަކަށް ނެގި ސްޕެއިންގެ ސްކޮޑުގައިވެސް ހިމެނިފައެވެ. އޭނާގެ އަމާޒަކީ މި އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕުން ޖާގަ ހޯދުމެވެ.










