އިސްރާއީލުން އީރާނުގެ އެކި ސަރަހައްދުތަކަށް އަލުން ހަމަލާތައް އަމާޒުކުރަން ފެށުމާ ގުޅިގެން، އޭގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ކުވެއިތުގައި ހުންނަ މުހިންމު ތެޔޮ ސާފުކުރާ ކާރުހާނާއަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
މި ހަމަލާދީފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އީރާނުން މި ހަމަލާ އަމާޒުކޮށްފައިވަނީ ގަލްފު ސަރަހައްދުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށެވެ. މިއީ އިސްރާއީލުން ތެހެރާނަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނާއި، އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކަށް އިންޒާރު ދިނުމުގެ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށް ބެލެވެ އެވެ.
މި ހަމަލާއާ ގުޅިގެން ކުވެއިތުގެ ތެޔޮ އުފައްދާ މިންވަރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާ އިރު، މިއީ ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ކާރުހާނާއަށް އަމާޒުވި ދެވަނަ ހަމަލާ އެވެ. އީރާނުން ބުނަމުންދަނީ އިސްރާއީލުގެ އުދުވާނީ އަމަލުތައް ހުއްޓާނުލާހާ ހިނދަކު، ސަރަހައްދީ ހަމަޖެހުމަށް ނުރައްކާވާނެ ފަދަ ހަމަލާތައް ކުރިއަށްދާނެ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފައެވެ. ގިނަ ގައުމުތަކަކުން ދަނީ މި ހަމަލާތައް ކުށްވެރިކޮށް، ސަރަހައްދީ ހަނގުރާމައެއް ފެށިދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިސްރާއީލުން ފަލަސްތީނާއި އީރާނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން މިހާރު އޮތީ ނުރައްކަލެއްގެ ތެރޭގަ އެވެ.










