ރޭ އިލެކްޝަން ކޮމިޝަންގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާއެކު، ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުން ހުއްޓާލުމަށް ފަހު، އަލުން އެ މަސައްކަތް ފަށާފައިވާ ކަމަށް އެލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
ރޭ އަލިފާނުގެ ހާދިސާ ހިނގީ އިލެކްޝަންސް ކޮމިޝަންގެ މައި މަރުކަޒު ހިންގާ އިމާރަތް އަދި ކުރީގެ ޑްރަގް ކޯޓާ، ޖެހިގެން ހުރި ކެމިކަލް ގުދަނުގައި އަލިފާން ރޯވެގެންނެވެ. އެކަމުގެ ސަބަބުން އެ ސަރަހައްދުން މީހުން ހުސްކޮށް، އެ ފަރާތަކަށް ވަނީ ވަގުތީ ހިޔާވަހިކަން ހަމަޖައްސާފަ އެވެ. ވުމާއެކު އެ ވަގުތު އިތުރަށް އެ މަރުކަޒުގައި ވޯޓާސް ފައިނަލް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން، ރޭ އެ މަސައްކަތް ވަނީ ހުއްޓާލާފައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.


އެގޮތުން އެކަމާ ގުޅިގެން އީސީއިން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން އެ ލިސްޓުގައި ސޮއިކުރުން މިހާރު އަލުން ސޯޝަލް ސެންޓަރުގައި ފަށާފައިވާ ކަމަށެވެ.
އޭގެ އިތުރުން ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތް ތިން އިންތިހާބަށް އީސީއިން ވަމުން އަންނަ ތައްޔާރީއަކަށް އެއްވެސް ހުރަހެއް ނޭޅެ ކަމަށް އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ރޭ މީޑިއާތަކަށް މައުޅުމާތު ދެމުން ވިދާޅުވީ އެވެ.








