އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، ލޯކަލް ކައުންސިލް އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މެދުކަނޑާލައިފި އެވެ.
އަލިފާން ރޯވެފައިވަނީ މ. ކައިރުގޭގައި ހުންނަ "ޕްރައިމް ގޯޑައުން 1" ގަ އެވެ. މި ހާދިސާގައި އެ ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަނދާފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންތިހާބާބެހޭ މަރުކަޒުގެ މަސައްކަތްތައް ވަނީ ހުއްޓާލާފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ، އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާ ހިނގާފައިވާތީ، މިވަގުތަށް ލޯކަލް ކައުންސިލް އިންތިހާބާ ގުޅުންހުރި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ.
އީސީން އިތުރަށް ބުނީ، އިންތިހާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިހާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް މިހާތަނަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މަރުކަޒުގައި ހުރި ތަކެތި ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއްވަ އެވެ.
މި ހާދިސާ ހިނގި ޕްރައިމް ފާޓިލައިޒާގެ ގުދަނަކީ ގަސްކާނާއާއި އެކި ބާވަތުގެ ކެމިކަލް ރައްކާކުރާ ތަނެކެވެ. އެ ކުންފުނީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ކުންފުނީގެ މުދަލުގެ 80 އިންސައްތަ ހުންނާނީ އެ ގުދަނުގަ އެވެ. އަދި އެ ގުދަން ހުރީ އިންޝުއާ ނުކޮށް ކަމަށްވެސް އޭނާ ބުންޏެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގެ އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފަ އެވެ.










