ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި 4-1 ގެ ނަތީޖާއަކުން އެލްޗޭ ބަލިކޮށް، ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ އެއް ޕޮއިންޓަށް ރެއާލް މެޑްރިޑް ގާތަށް ޖެހިލައިފި އެވެ.
މި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، އެންޓޯނިއޯ ރޫޑިގާ އާއި ވަލްވާޑޭ ޖެހި ލަނޑުތަކުން ރެއާލްއިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. ރެއާލްގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ޑީން ހުއިސެން ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑަކީ އާޑާ ގުލާ އަމިއްލަ ހާފުގެ ތެރޭގައި ހުރެފައި ފޮނުވާލި ހިތްގައިމު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. އެލްޗޭގެ ހަމައެކަނި ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެނުއަލް އެންޖެލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އަތުން 3-0 އިން މޮޅުވި މެޗަށްފަހު، ރޭގެ މެޗުގެ ފުރަތަމަ 30 މިނެޓުގައި ރެއާލްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. މެޗުގެ 39 ވަނަ މިނެޓުގައި ރޫޑިގާ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ވަލްވާޑޭ ފޮނުވާލި ހިލޭ ޖެހުމެއް އެލްޗޭގެ ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތުގަ އެވެ. އޭގެ ފަސް މިނެޓު ފަހުން ވަލްވާޑޭ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ހުއިސެން ރެއާލްގެ ތިންވަނަ ލަނޑު ބޮލުން ކާމިޔާބުކުރިއިރު، މެޗުގެ ފަހުވަގުތު އާޑާ ގުލާ ވަނީ އެލްޗޭގެ ކީޕަރު މަޓިއަސް ޑިޓޫރޯ ގޯލް ލައިނުން ބޭރަށް ނުކުމެ ހުއްޓާ ބަލައި، ވަރަށް ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލާފަ އެވެ.
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކީލިއަން އެމްބާޕޭ މިރޭގެ މެޗުގައި ނުކުޅުނު ނަމަވެސް، އަންނަ އަންގާރަ ދުވަހު މެންޗެސްޓަރާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު އަލްވާރޯ އާބެލޯއާ ވަނީ ބުނެފަ އެވެ.
މި މޮޅާއެކު ރެއާލް މެޑްރިޑް އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން، އެއް ޕޮއިންޓެއް ފަހަތުގަ އެވެ. އާދިއްތަ ދުވަހު ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުން ބާސެލޯނާ މޮޅުވެއްޖެނަމަ، އަލުން ހަތަރު ޕޮއިންޓުގެ ލީޑެއް އެޓީމަށް ލިބޭނެ އެވެ. އެލްޗޭ މިހާރު އޮތީ ތާވަލުގެ 17 ވަނައިގައެވެ. މާޗު މަހުގެ 22 ވާ އާދިއްތަ ދުވަހު ރެއާލް މެޑްރިޑް ނުކުންނާނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.










