ހައްދުފަހަނަ އެޅި ޒަޔަނިސްޓުން މި މާތް މައްސަރުގައި ލުބުނާނުގައި ހިންގަމުން ގެންދާ ޤަތުލުޢާންމުގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެ ޤައުމުގެ ރައްޔިތުންނަށް އެހީ ވުމަށް ފްރާންސުން 60 މެޓްރިކް ޓަނުގެ އިންސާނީ އެހީ ފޮނުވާނެ ކަމަށް އިއުލާންކޮށްފިއެވެ.
ފުރާންސުގެ ޚާރިޖީ ވަޒީރު ވިދާޅުވީ މި އެހީ ޝިޕްމަންޓަކީ އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ލުބުނާނަށް ފޯރުކޮށްދޭ ރިލީފް އެހީގެ އަދަދު ތިންގުނަ ކުރުމަށް ފްރާންސުން ނިންމި ނިންމުމުގެ ބައެއް ކަމަށެވެ.
ފްރާންސްގެ ބްރޯޑްކާސްޓަރ ޓީއެފް1 އާއި ވާހަކަ ދައްކަމުން ޚާރިޖީ ވަޒީރު ވިދާޅުވީ އެހީގެ ޕެކޭޖުގައި ގައިން ތާހިރުވާނެ ތަކެއްޗާއި ގޮދަޑި އާއި، ބޮކި، އަދި މޮބައިލް މެޑިކަލް ޕޯސްޓެއް ވެސް ހިމެނޭނެ ކަމަށެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތައް ގަދަވަމުންދާ ވަރަކަށް ލުބުނާނުގެ އިންސާނީ ހާލަތު ދަނީ ވަރަށް ބޮޑަށް ގޯސް ވަމުންނެވެ.
ލުބުނާނުގެ މިހާރު ވެސް 7 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.










