މޯލްޑިވްސް އިމިގްރޭޝަނުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކުގައި އެ އިދާރާއިން ހިދުމަތް ދޭނެ ގަޑިތައް މިއަދު އާންމުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސަވާފަ އެވެ. އެހެންކަމުން، އެ ދުވަސްތަކުގައި އާންމުންނަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އިމިގްރޭޝަނުން ވަނީ ވަކި ގަޑިތަކެއް ކަނޑައަޅާފަ އެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ރަމަޟާން މަހުގެ ފަހު ދިހައިގެ ބަންދު ދުވަސްތަކުގެ ތެރެއިން ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހަކު އެ އިދާރާއިން ހިދުމަތް ދޭނެ އެވެ. އެގޮތުން:
ޕާސްޕޯޓުގެ ހިދުމަތް: ހެނދުނު 09:00 އިން މެންދުރު 13:00 އަށް.
ވޯކް ޕާމިޓް އަދި އެހެނިހެން ވިސާގެ ހިދުމަތް: ހެނދުނު 09:00 އިން މެންދުރު 13:00 އަށް.
މި ދުވަސްތަކުގައި ޕާސްޕޯޓަށް އެދި ހުށަހެޅުމާއި، ޕާސްޕޯޓާ ހަވާލުވުމުގެ ހިދުމަތް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި "އިމުގާ" ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަން ވެސް އިމިގްރޭޝަނުން ފާހަގަކުރި އެވެ.
ސަރުކާރުން ރަމަޟާން މަހުގެ ފަހު ދިހައެއް ބަންދުކުރަން ނިންމެވީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ އަޅުކަމަށް ހާއްސަ ދުވަސްތަކެއްގެ ގޮތުގައި ހޭދަކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމުގެ މަގްސަދުގައެވެ. ނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކުން ދަނީ މިފަދަ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.










