ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ދޭ "ސްޓެލްކޯ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޯލާޝިޕް" އަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު އެ ކުންފުނިން އިތުރުކޮށްފި އެވެ.
މި ސްކޯލާޝިޕަކީ އިންޖިނިއަރިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ މަގްސަދުގައި ސްޓެލްކޯއިން ކުރިއަށްގެންދާ ފުލް ފަންޑަޑް ސްކޯލާޝިޕް ޕްރޮގްރާމެކެވެ. މި ސްކީމްގެ ދަށުން ހޮވޭ ދަރިވަރުންގެ ކިޔެވުމުގެ އެންމެހައި ހަރަދުތަކެއް ބަލަހައްޓާނީ ސްޓެލްކޯއިންނެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސްގެ ދާއިރާތަކަށް ޝައުގުވެރިކަން ހުރި، ގާބިލު ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމު ހޯދައިދިނުން ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
އަދި ވަކިން ހާއްސަކޮށް ސްޓެލްކޯގެ އިންޖިނިއަރިން މަސައްކަތްތަކާ ގުޅުންހުރި ދާއިރާތަކުން މީހުން ބިނާކޮށް، އެ ކުންފުންޏަށް ހުނަރުވެރި މުވައްޒަފުން ހޯދުމަކީވެސް މި ސްކޯލާޝިޕްގެ އަމާޒެކެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި ފުރުސަތު އިތުރުކޮށްފައިވަނީ ވީހާވެސް ގިނަ ދަރިވަރުންނަށް މި ފުރުސަތުގެ ބޭނުން ހިފުމަށް މަގުފަހިކޮށްދިނުމަށެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި، ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ސްކޯލާޝިޕާ ގުޅޭ އިތުރު މައުލޫމާތާއި، ކުރިމަތިލާންޖެހޭ ސުންގަޑި ސަރުކާރުގެ ގެޒެޓް މެދުވެރިކޮށް މިހާރު ވަނީ އާންމުކޮށްފަ އެވެ. ގެނެވުނު ބަދަލާއެކު މިހާރު ސްކޯލާޝިޕަށް އެޕްލައި ކުރުމުގެ އެންމެ ފަހުގެ ސުންގަޑިއަކީ 15 އެޕްރިލް 2026 ވަނަ ދުވަހުގެ 15:00އެވެ.
މިއީ އިންޖިނިއަރިން ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފަ އެވެ.










