ރަޝިޔާ އާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމައިގައި މަރުވި 1،000 އަށްވުރެ ގިނަ ސިފައިންގެ ހަށިގަނޑު، ދެ ގައުމުގެ ދެމެދުގައި ހުކުރު ދުވަހު ބަދަލުކޮށްފިއެވެ. މިއީ މި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އެންމެ ގިނަ އަދަދަކަށް ހަށިގަނޑު ބަދަލުކުރެވުނު އެއް ފަހަރެވެ.
ޔޫކްރެއިނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލުކުރުމުގެ ތެރެއިން އެ ގައުމަށް 563 ސިފައިންގެ ހަށިގަނޑު ވަނީ ލިބިފައެވެ. މީގެ ތެރޭގައި މަރިއުޕޯލް ހިފުމަށް ކުރި ހަނގުރާމައިގައި މަރުވި ސިފައިންނާއި، ބަހްމުތް ސަރަހައްދުގައި މަރުވި ސިފައިންގެ ހަށިގަނޑުތައް ހިމެނެ އެވެ.
ހަމައެއާއެކު، ރަޝިޔާގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރު ޓަޓިއާނާ މޮސްކަލްކޯވާ ވިދާޅުވި ގޮތުގައި، ރަޝިޔާއަށް ވަނީ އެ ގައުމުގެ 37 ސިފައިންގެ ހަށިގަނޑު ލިބިފަ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން ރަޝިޔާއިން ބަލައިގަތް ހަށިގަނޑުތަކުގެ ޖުމްލަ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވެ އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ބައިނަލްއަގުވާމީ ރެޑް ކްރޮސް ކޮމިޓީ (އައިސީއާރުސީ) ގެ އެހީތެރިކަމާއެކުގަ އެވެ. މިގޮތަށް ހަށިގަނޑުތައް ބަދަލުކުރުމުގެ މައިގަނޑު ބޭނުމަކީ، ހަނގުރާމައިގައި މަރުވި ސިފައިންގެ އާއިލާތަކަށް އެމީހުންގެ ހަށިގަނޑުތައް ހަވާލުކޮށް، އެކަށީގެންވާ ގޮތެއްގައި ފަސްދާނުލުމުގެ ފުރުސަތު ދިނުމެވެ. ޔޫކްރެއިނަށް ގެނެވުނު ހަށިގަނޑުތައް މިހާރު ވަނީ ފޮރެންސިކް ތަހުލީލުތައް ކުރުމަށާއި، މީހުން ދެނެގަތުމުގެ މަސައްކަތަށް ލެބޯޓްރީތަކަށް ފޮނުވާފަ އެވެ.
2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން ފެށުނު މި ހަނގުރާމައިގައި، ދެ ގައުމުންވެސް ދަނީ ދޭތެރެ ދޭތެރެއިން ހަނގުރާމައިގެ އަސީރުންނާއި މަރުވި މީހުންގެ ހަށިގަނޑުތައް ބަދަލުކުރަމުންނެވެ. މި އިންސާނީ މަސައްކަތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމުގެ ތެރެއިންވެސް ކުރިއަށްދާ މަދު ކަންތައްތަކުގެ ތެރެއިން ކަމެކެވެ.










