ޚުލާސާ ރަހަފަތް: މިލްކް ކޭކު

މަރްޔަމް މާޙީ | 14 ގަޑިއިރު ކުރިން - 24 ފެބްރުއަރީ 2026 13:10
މިލްކު ކޭކު---
މިލްކު ކޭކު---
ޚުލާސާ

މިލްކް ކޭކަކީ ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑިއާ އަދި ޕާކިސްތާނުގައި ވަރަށް މަގުބޫލު، ކިރުގެ ރަހަ ގަދަ އަދި އަނގަޔަށް މީރު ހަލުވާއެއް ފަދަ އެއްޗެއް

މިލްކް ކޭކަކީ ދެކުނު އޭޝިއާގެ ގައުމުތައް ކަމަށްވާ އިންޑިއާ އަދި ޕާކިސްތާނުގައި ވަރަށް މަގުބޫލު، ކިރުގެ ރަހަ ގަދަ އަދި އަނގަޔަށް މީރު ހަލުވާއެއް ފަދަ އެއްޗެކެވެ.

އާދައިގެ ކޭކުތަކާ ހިލާފަށް، މިއީ އަވަނުން ފިހެގެން ތައްޔާރުކުރާ އެއްޗެއް ނޫނެވެ. މީގައި ކިރު ކައްކައި ހިއްކަމުން ގޮސް، އޭގެ ކުދި އޮށްތައް އުފެދި، މެދުން ރަން މުށިކުލައެއް އަރަންދެން ކައްކަނީއެވެ. މިއީ އާންމުކޮށް އުފާވެރި މުނާސަބަތުތަކާއި، އުފާވެރި އެކި ހަފްލާތަކުގައި ބޭނުންކުރާ ހާއްސަ ފޮނިކާއެއްޗެކެވެ. އެހެންކަމުން މިއީ ރޯދަ ވީއްލާ ގަޑިއަށް ތައްޔާރުކޮށްލަން ރަނގަޅު ކެއުމެކެވެ.


ބޭނުންވާ ތަކެތި:

2 ލިޓަރު ފުލް ފެޓް ކިރު

3-4 ސައިސަމުސާ ލުނބޯ ހުތް (ނުވަތަ ފެނަށް ގިރުވާފައި ހުރި ކުޑަ ސިޓްރިކް އެސިޑްކޮޅެއް)

1 ޖޯޑު ހަކުރު (ރަހަޔަށް ބަލާފައި އިތުރުކުރެވިދާނެ)

2 މޭޒުމަތީ ސަމުސާ ގީ

ބައި ސައިސަމުސާ ފޮނިތޮށި ކާފޫރުތޮޅި ކުނޑި (އިހްތިޔާރީ)

ކުދިކޮށް ކޮށާފައި ހުރި ޕިސްޓާޝިއޯ ނުވަތަ އަލްމަންޑް (މައްޗަށް ބުރުވާލުމަށް)


ތައްޔާރުކުރާނެ ގޮތް:

  1. ކިރު ކެއްކުން

ތެއްޔަކަށް ކިރު އަޅައިގެން މެދުގިނީގައި ކައްކަން ފަށާށެވެ. ކިރު އަޑީގައި ނުހިފާނެހެން ދޭތެރެ ދޭތެރެއިން ހަލުވަމުން ގެންދާށެވެ.

  1. ކިރު ގަނޑުކުރުން

ކިރުކޮޅު ކެކިގަތުމުން، ގިނި މަޑުކޮށްލުމަށްފަހު މަޑުމަޑުން ލުނބޯ ހުތް އަޅަމުން ހަލުވަމުން ގެންދާށެވެ. އޭރުން ކިރުގަނޑު ކުދިކުދި އޮށްތަކަކަށް ވެގެން އަންނާނެއެވެ. މި މަރުހަލާގައި ކިރުން ވަކިވާ ފެންގަނޑު އުކާނުލާށެވެ. މިލްކް ކޭކް ތައްޔާރުކުރުމަށް އެ ފެންގަނޑު ބޭނުންވާނެއެވެ.

  1. ކިރު ހިއްކުން

މަޑު ނުވަތަ މެދުގިނީގައި ކިރުގަނޑު ހިކެންދެން ކައްކަމުން ގެންދާށެވެ. މިކްސްޗަރު އޮލަވާން ފެށުމުން މެދުނުކެނޑި ހަލުވަންވާނެއެވެ. އެއަށްފަހު ހަކުރު އަޅައި، ތަވާގެ އަރިމަތިން ކިރުގަނޑު ވަކިވާވަރަށް އޮލަވެ، އޮށްތައް ގިނަވަންދެން ކައްކާށެވެ.

  1. ރަހަ ޖެއްސުން

ދެން އޭގެ ތެރެއަށް ގީ އަދި ކާފޫރުތޮޅި ކުނޑި އަޅާށެވެ. ކިރުގަނޑު ރަން މުށިކުލައަކަށް ބަދަލުވެ، ކެރަމަލް ރަހަ ޖެހެންދެން ކައްކާލާށެވެ.

  1. ސެޓްކުރުން

ޓްރޭއެއްގައި ގީ އުނގުޅުމަށްފަހު، ތައްޔާރުކުރި މިކްސްޗަރު އޭގެ ތެރެއަށް އަޅައި އެއްވަރުކޮށްލާށެވެ. މައްޗަށް ކޮށާފައި ހުރި ބަދަންތައް ބުރުވާލާށެވެ. ގާތްގަނޑަކަށް 4 ނުވަތަ 5 ގަޑިއިރު ވަންދެން ހިހޫކުރަން ބެހެއްޓުމަށްފަހު, ސާވްކުރާށެވެ.


މީރު މިލްކް ކޭކެއް ތައްޔާރުކުރުމަށް ބައެއް އިރުޝާދު:

އެންމެ ރަނގަޅު ޓެކްސްޗާއެއް ނެރުމަށްޓަކައި "ފުލް ފެޓް" ކިރު ބޭނުންކުރާށެވެ.

ކެއްކުމުގައި އަވަސް އަރުވާނުލާށެވެ. މަޑުގިނީގައި ކެއްކުމުން ކޭކުގެ ކުލަ ރީތިވާނެއެވެ.

ކިރު ހިކިގެން އަންނަ ވަގުތު މާ ގިނައިން ހަލުވާނަމަ ކޭކުގެ މެދުން ފެންނަ ރީތި ކުލަ މަޑުވެދާނެއެވެ.

މި ކޭކު ތައްޔާރުކުރާ ދުވަހަށްވުރެ ޖެހިގެން އަންނަ ދުވަހު ރަހަ މާ މީރުވާނެއެވެ.


Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%