ރޯދަމަހަކީ ތަފާތު ވައްތަރު ކާނާ ތައްޔާރުކޮށްލަން ބޭނުންވާ މަހެކެވެ. ހާއްސަކޮށް ރާއްޖޭގެ މާހައުލުން ފެންނަ ބާވަތްތައް ބޭނުންކޮށްލައިގެން ކާއެއްޗެއް ތައްޔާރުކޮށްލުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ. އެގޮތުން މިއަދުގެ ހުލާސާ ރަހަފަތުގައި ކިޔާލަ ދޭނީ "ކައްޓަލަ ފޮޅި" ތައްޔާރުކުރާނެ ގޮތެވެ.
ކައްޓަލައަކީ ފަލަމަޑީގެ ބާވަތްތަކުގެ ތެރެއިން ހަށިގަނޑަށް ހަކަތަ އިތުރުކޮށްދޭ މީރު ތަރުކާރީއެކެވެ. ކައްޓަލައަކީ ތަރުކާރިއަކަށް ވީނަމަވެސް މިފަހަރު ކައްޓަލަ ބޭނުން ކުރާނީ ފޮނި އެއްޗެއް ތައްޔާރު ކުރުމަށެވެ.
ބޭނުންވާނެ ތަކެތި:
- 1 ޖޯޑު ގެރި ކިރު
- 2 ކުކުޅު ބިސް
- 1/2 މޭޒު މަތީ ސަމުސާ ވެނިލާ އެސެންސު
- 1 ކުޑަ ސަމްސާ ބޭކިން ޕައުޑަރު
- 2 ފޮނި ކައްޓަލަ
- 2 މޭޒުމަތީ ސަމްސާ ހަކުރު (ބޭނުންނަމަ)
ތައްޔާރު ކުރާނެ ގޮތް:
- އެންމެ ފުރަތަމަ 2 ކައްޓަލަ ކޮށާލުމަށް ފަހު މަޑު ގިނީގައި 10 މިނެޓް ވަންދެން ކައްކާ މަޑުކުރާށެވެ.
- ކައްޓަލަ މަޑުވުމުން، ތޮށި މެށުމަށް ފަހު މިކްސަރަކަށް އަޅާ، ކައްޓަލަތައް ހިމުން ކޮށްލާށެވެ.
- އެއަށް ފަހު ހެޔޮވަރު ބޯތަށްޓަކަށް : ހިމުންކުރި ކައްޓަލަތައް، ގެރިކިރު، ބިސް އަދި ވެނިލާ އެސެންސު އަޅައި ރަނގަޅަށް އެއްކޮށް ގިރާލާށެވެ.
- އެއަށްފަހު، ތަތްނުލަވާ ތަވައެއްގައި، އެއްކޮށްފައި ހުރި ކައްޓަލަ މިކްސުން (އުނދުޅިއެއްހާ މިންވަރު) ނަގައި ތަވާމަތީ ފޮޅިއެއްހެން ފިހެލާށެވެ.
ކައްޓަލަ ފޮޅިއަކީ މަދު ތަކެތި ބޭނުންވާ، އަވަހަށް ހަދާލެވޭ އަނގަޔަށް މީރު ފޮނި ކާނާއެކެވެ. އަދި ކައްޓަލައަކީ ހަށިގަނޑުގައި ވަރުޖެހޭނެ ފަދަ ކާނާ އެކެވެ.










