ތެހެރާނުން އެޓޮމިކް ހަތިޔާރެއް ނުގެންގުޅޭކަން ކަށަވަރު ކުރުމަށް އޮތީ ހުޅުވާލާފައި ކަމަށް ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ. އީރާނުގެ ރައީސް މިހެން ވިދާޅުވީ އޮމާން މެދުވެރިވެ ޖެނީވާގައި އީރާނާއި އެމެރިކާގެ އޮފިޝަލުންނާއި ދެމެދު ނުސީދާ ނިއުކްލިއާ މަޝްވަރާތައް މިއަދު އަލުން ފެށި ދަނޑިވަޅެއްގައެވެ.
ޕީޒިޝްކިޔާން ފާހަގަކުރެއްވި ގޮތުގައި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދާކަށް ނޫޅެއެވެ. އަދި ތެހެރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ޞުލްޙަވެރި ޕްރޮގުރާމެއްކަން ޔަގީންކޮށްދިނުމަށް ތިބީ ތައްޔާރަށެވެ.
ނިއުކްލިއާ ނޮން ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގެ ދަށުން އީރާނަށް ޞުލްޙަވެރިކަމާއި އެކު ނިއުކްލިއާ ޕްރޮގްރާމް ހިންގުމުގެ ޙައްޤު ލިބިގެން ވެއެވެ.
ޕީޒިޝްކިޔާން ވިދާޅުވީ ނިއުކްލިއާ މަޝްވަރާތަކަށް އެކަށީގެންވާ ކުރިއެރުން ނުލިބެނީ ހުޅަނގަށް އިތުބާރު ނުކުރެވޭތީ އާއި އެމެރިކާ އިން މާބޮޑަށް ޑިމާންޑް ކުރަމުން ގެންދާތީއެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ތެހެރާނުގެ ބެލިސްޓިކް މިސައިލަށް “ލިމިޓެއް” ކަނޑައެޅުމަށް އެމެރިކާއިން އެދޭތީ އާއި، ނިއުކްލިއާ މަޝްރޫޢުގެ އިތުރުން އެހެނިހެން ހަތިޔާރާއި ގުޅޭ ގޮތުން ވެސް އެމެރިކާ އިން މަޝްވަރާ ކުރުމަށް އެދޭތީއެވެ.










