ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގެ ހިދުމަތްތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ނިންމައިފި އެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ޑޮމެސްޓިކް ހިދުމަތްތައް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފަ އެވެ. އެގޮތުން އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމާލާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މި ބަދަލާއެކު މާދަމާއިން ފެށިގެން ޑޮމެސްޓިކް ހުރިހާ ދަތުރުތަކެއްގެ ހިދުމަތް ދޭނީ މަރާމާތަށްފަހު އަލުން ހުޅުވާ ޓާމިނަލް 2 އިންނެވެ. މި އާ ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވާނީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.
ވީއައިއޭގެ އާ އިންޓަރނޭޝަނަލް ޓާމިނަލް ނުވަތަ ޓާމިނަލް 1 މިދިޔަ އަހަރުގެ ޖުލައި 26 ގައި ހުޅުވުމާ ގުޅިގެން، ބައިނަލްއަގުވާމީ ހުރިހާ ދަތުރުތަކެއް ވަނީ އެ ޓާމިނަލަށް ބަދަލުކޮށްފަ އެވެ. މާދަމާއިން ފެށިގެން ޑޮމެސްޓިކް ދަތުރުތައް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުވުމާއެކު، މިހާރު ބޭނުންކުރަމުންދާ ޑޮމެސްޓިކް ޓާމިނަލް ބަންދުކުރާނެ އެވެ.
ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރާ ތިން އެއާލައިން ކަމަށްވާ ގައުމީ އެއާލައިން މޯލްޑިވިއަން، މަންޓާ އެއާ އަދި ވިލާ އެއާގެ ހުރިހާ ފްލައިޓްތަކެއް މާދަމާއިން ފެށިގެން ބޭނުންކުރާނީ މި ޓާމިނަލެވެ. މީގެ ކުރިން ޑޮމެސްޓިކް ޓާމިނަލުން ލިބެމުންދިޔަ ހުރިހާ ހިދުމަތްތަކެއް މި ބަދަލާއެކު ޓާމިނަލް 2 އިން ލިބިގެންދާނެ އެވެ.
ވެލާނާ އެއާޕޯޓުގެ ތަރައްގީގެ ބިޔަ މަޝްރޫއުގެ ދަށުން ބިނާކުރި އާ އިންޓަނޭޝަނަލް ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ. ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް ގާތްގަނޑަކަށް 457 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ) ހަރަދުވެފައިވެ އެވެ.









