ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދޫކުރަމުން އަންނަ މަސްދަޅު ކޭހުގެ ތެރެއިން މިހާތަނަށް 53800އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކް ވޯކްސް އިން ހާމަކޮށްފިއެވެ.
މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118،773 ގޭބީސީއަކަށެއެވެ. އެއީ މާލޭގެ 61،755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56،918 ގޭބީސީއަކަށެވެ.
މިހާތަނަށް މިނިސްޓްރީން ހާމަ ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުގެ 8000އެއްހާ ގެބިސީ އިން ރޯދަ ހަދިޔާއާ ހަވާލުވެފައިނުވެއެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މަސްދަޅު ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ފަށާފައިވާއިރު, މި މަހުގެ 12ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތް ވަނީ ނިންމާލައިފައެވެ. އެހެންނަމަވެސް މިހާތަނަށް މަސްދަޅު ކޭސް ނުލިބޭ ފަރާތެއްވާނަމަ, އެ ފަރާތަކަށް މުލަ ރޯދަ ދުވަހާއި ހަމައަށް މިފްކޯ އިން މަސްދަޅު ކޭސް ނެގޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން މިފްކޯއިން މަސްދަޅުކޭސް ދޫކުރާނީ ރޭގަނޑު 8:30 އިން 11:00 އަށެވެ.
މީލާދީ ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 18 ވަނަ ދުވަހެވެ.









