ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ވަކި ބިލެއް ހަދަން މާދަމާއިން ފެށިގެން ރީޑިން ނަގަން ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެހެންކަމުން ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް 16 ފެބުރުއަރީ 2026 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ދިނުމާއި, ކަރަންޓު އަދި ފެން ބިލުން ޑިސްކައުންޓުތަކެއް ދިނުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ވެސް ސަރުކާރުން ވަނީ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. އެގޮތުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ވަނީ 130 މިލިޔަން ރުފިޔާ ހަރަދު ކޮށްފައެވެ.










