"ވެލާނާ އެވޯޑް"ގެ ނަމުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަ އެވޯޑެއް އެމްއޭސީއެލުން ތައާރަފްކޮށްފި އެވެ.
އެމްއޭސީއެލުން ބުނީ "ވެލާނާ އެވޯޑް"ގެ މަގްސަދަކީ ދަތުރުފަތުރުގެ ގުޅުންތަ ވަރުގަދަ ކުރުމަށާއި ވެލާނާ އެއާޕޯޓުންދޭ ހިދުމަތް ރަނގަޅު ކުރުމާއި، ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން ކަމަށެވެ. އަދި މި އެވޯޑަކީ އެކަމަށް ޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕާޓުނަރުން ކުރާ އަގު ހުރި މަސައްކަތް ފާހަގަ ކުރުމަށް ކޮންމެ އަހަރަކު ދޭން ކަނޑައެޅާފައިވާ އެވޯޑެއް ކަމަށް އެމްއޭސިއެލުން ބުނެފައިވެ އެވެ.
އެގޮތުން އެމްއޭސީއެލުން ބުނީ މި އަހަރުގެ އެވޯޑްގައި ތިން ދާއިރާއަކުން 22 އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވެލާނާ އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓެގަރީތަކަކީ:
- ފަސެންޖާ އެވޯޑްސް
- ކާގޯ އެވޯޑްސް
- ލައުންޖް އެވޯޑްސް
- އެވޯޑްސް އަހަރުގެ އެއާލައިން ފާހަގަކޮށް ދެވޭ ހާއްސަ އެވޯޑް
އެމްއޭސީއެލުން ބުނީ މި އަހަރުގެ "ވެލާނާ އެވޯޑް" ގެ ރަސްމިއްޔާތު މި މަހުގެ 12 ވަނަ ދުވަހު ކުރޮސްރޯޑްގައި ބާއްވާނެ ކަމަށެވެ.









