ޗާގޯސް ރަށްތަކުގެ މިލްކުވެރިކަމާ ގުޅޭގޮތުން އުފެދިފައިވާ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ މެދު ދިވެހިރާއްޖޭން ދެކޮޅު ހަދާފައިވާތީ، އެކަމާ ގުޅޭގޮތުން ތުރުކީގެ "އަނަޑޯލޫ" ނޫހުން ކުރި ސުވާލަކަށް އިނގިރޭސި ފޮރިން އޮފީހުން ވަނީ ޖަވާބު ދީފަ އެވެ. އެ އޮފީހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ޗާގޯސް ޖަޒީރާތަކުގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއްކަން ބައިނަލްއަގުވާމީ އެކި ކޯޓުތަކާއި އިދާރާތަކުގެ ނިންމުންތަކުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބެންޖެހޭ އަސްލު ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށާއި އެހެންވެ އެތަން މޮރިޝަސްއާ ހަވާލުކުރަން އިންކާރު ކުރާ ކަމަށް ބުނެ ރާއްޖޭން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ފޮނުވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.
އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެކަން ގަބޫލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލުމަށް ވަނީ ނިންމާފަ އެވެ. އެހެންނަމަވެސް، ޑިއެގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރުގެ މުއްދަތަށް އޮންނާނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގަ އެވެ.
ޗާގޯސްގެ ތާރީހަށް ބަލާއިރު، 1970 ގެ އަހަރުތަކުގައި އިނގިރޭސިން އެތަން އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި އެތަނުގައި ދިރިއުޅުނު 2,000 އެއްހާ މީހުން ވަނީ މަޖުބޫރުކަމާއެކު ބޭރުކޮށްފައެވެ. އައިސީޖޭ އާއި އިޓްލޮސް ފަދަ ބައިނަލްއަގުވާމީ ކޯޓުތަކުން މީގެ ކުރިން ނިންމާފައިވަނީ ޗާގޯސްގެ މައްޗަށް އިނގިރޭސިންގެ ބާރު ނެތް ކަމަށާއި، އެތަނުގެ ސިޔާދަތީ ބާރު ހިނގާނީ މޮރިޝަސްއަށް ކަމަށެވެ.
ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލާގައި އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން، ރާއްޖެއާއި ޗާގޯސްއާ ދެމެދު ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ލިބިފައިވަނީ 47,232 އަކަކިލޯމީޓަރެވެ. އަދި މޮރިޝަސްއަށް ލިބުނީ 45,331 އަކަކިލޯމީޓަރެވެ.
ރާއްޖޭގެ ދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރު ދުރުގައި އޮންނަ ޗާގޯސްއަކީ 60 ރަށުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެކެވެ. މި ސަރަހައްދުގެ މިލްކުވެރިކަމުގެ މައްސަލައަކީ ރާއްޖޭގެ ސިޔާދަތީ ބާރާ ގުޅިފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި މިހާރުގެ ސަރުކާރުން ދެކެއެވެ.










