އަންހެނަކަށް ވުމަކީ ބަލިފައެއް ނޫންކަން ރާއްޖޭގެ ފުރަތަމަ މާސްޓާ ޝެފް ލަގަބުގެ ވެރިޔާ މަހާ ނަސީރު ސާބިތު ކޮށްދިނީ ހިތްވަރުގަދަ އަޒުމާއި އުމީދާއި މިންނަތް މަސަކަތުންނެވެ.
މިއަދު މަހާ އަކީ ވިޒިޓް މޯލްޑީވްސް ބޯޑް ޑައިރެކްޓަރެކެވެ. ފްރީ ލާންސް ކޮންސަލްޓަންޓެކެވެ. އަދި ރާއްޖޭގެ އެންމެ ފުރަތަމަ މާސްޓާ ޝެފް ލަގަބުގެ ވެރިޔާ އެވެ. ނަމަވެސް މިކަމިޔާބީތައް މަހާ ހޯދީ ދަތި އުންދަގުލާއި އެތައް ވޭނެ ތަހަމަލް ކޮށްގެން ކަމަށް މަހާ ވަނީ ބުނެފައި އެވެ.
ޓެލެވިޝަން މޯލްޑިވްސްގެ "އަމިއްލަ އިބާރާތުން" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މަހާ ވަނީ އޭނާގެ ހަޔާތުގެ ސަފްހާތައް ބަންޑުން ކޮށްލާފަ އެވެ. އެއިން ކޮންމެ ސަފްހާއެއްގައި ވެސް އިވިގެން ދިޔައީ މަހާގެ ހުވަފެންތައް ސީދާ ކުރުމަށް އެނާ ކުރި ބުރަ މިންނަތް މަސައްކަތުގެ ވާހަކަ އެވެ. ދިރިއުޅުމުގައި ކުރިމަތިވި ކޮންމެ ނުރައްކަލަކާއި އަދި ހުރަހެއް މަހާ ގިރާކުރުމަށް އޭނާ ކުރި ހިތްވަރާއި އުންމީދުގެ ވާހަކަ އެވެ.
ހަށި ފޮޅާލާފައި ނިކުމެއް ދިރިއުޅުމުގައި ކުރިމަތިވި އެންމެ ބަނަ ދުވަސްތަކުގެ ވާހަކަ ދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންނެވެ. ނަމަވެސް މަހާ މިވަނީ އެކަން ވެސް ކޮށްފައި އެވެ. އަންހެނެއްގެ ހައިސިއްޔަތުން ދުނިޔެއާއި ކުރިމަތިލާނެ، ދައްކަން އެންމެ އުދަގޫ ވާހަކަ ވެސް މަހާ ވަނީ ދައްކާފައި އެވެ. މަހާގެ ހިތްވަރު ގަދަ ކަމުން މިއަދު ކޮންމެ ޅަ އަންހެން ކުއްޖެ، ކޮންމެ މަންމައެއް، ކޮންމެ އަނބެއް އަދި ކޮންމެ އަންހެނެއް އިބުރަތް ހާސިލް ކުރާނެވެ.
ތުއްތު އިރު މަހާއި ކުރިމަތިވި އަނިޔާ:
އުމުރުން އެންމެ އަށް އަހަރުގައި ކުއްޖަކަށް ލިބެން ނުޖެހޭ ފަދަ ގެއްލުމެއް މަހާގެ އަމިއްލަ އައިލާގެ މެމްބަރެއްގެ ފަރާތުން އޭނާ އަށް ލިބުން ކަމަށް މަހާ އެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ވަނީ ބުނެފަ އެވެ. އަދި މަހާ އިތުރަށް މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ އައިލާގެ މެމްބަރެއްގެ ފަރާތުން މިފަދަ ގެއްލުމެއް ކުއްޖަކަށް ވެއްޖެ ނަމަ، އައިލާގެ ނަން ކިލަނބު ވެދާނެތީ އެވާހަކަ ހިންދާލުމުގެ ބަދަލު ކުއްޖާ އެކަމުން ސަލާމަތްކޮށް އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް، މަހާ ވަނީ އެދިފަ އެވެ. އެގޮތުން މަހާއަށް ކުރިމަތި ވަމުން އައި ޖިންސީ ފުރައްސާރަ ނިމުމަކަށް އައީ އަވައްޓެރި މީހަކަށް އެކަން ފެނުމުން އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމުން ކަމަށް މަހާ ވަނީ ބުނެފަ އެވެ. އަދި މިކަމުގެ ތެރޭގައި މަހާގެ އާއިލާއިން މަހާއަށް ދިން އަޅާލުމާއި އެއްބާރުލުމަށް މަހާ ވަނީ ޝުކުރު އަދާ ކޮށްފަ އެވެ.
ސްކޫލް ދުވަސްވަރު ކުރިމަތިވި ހަންގާ ކުރުން:
ތުއްތު އިރު އެހާ ބޮޑު ގެއްލުމަކާއި ކުރި މަތިލާން ޖެހުނު ކަމުގައި ވީނަމަވެސް މަހާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ އަޒުމަކަށް ބަދަލެއް ނާދެ އެވެ. ފުރާވަރު ދުވަސް ތަކުގައި ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރަކަށް ވުމުގެ ހުވަފެންތައް މަހާ އައީ ދެކެމުންނެވެ. އަދި އެހުވަފެންތަކުގައި ކުލަ ޖެސުމަށް މަހާ އައީ ގަދަ އަޅާ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ސްކޫލް ދައުރުގައި އަމީނިއްޔާގައި ކިޔަވަމުން ދިޔަ އިރުވެސް މަހާ ވީ ހަނގާކުރުމުގެ ޝިކާރަކަށެވެ.
"ވިހި ތިރީސް ކޯލާއި ވހި ތިރީސް ބަތް ޕާރުސަލާއި ވިހި ތިރީސް ކާރު މަހާގެ ނަމުގައި އާދޭ، ބޭރަށް ނިކުންނަން އުނދަގޫ، ކުލާހަށް ދިޔަސް ފުރައްސާރަ، މަހާ ހުރީ ވަރަށް ބޮޑު ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި،"-މަހާ ނަސީރު
މަހާ ބުނި ގޮތުގައި ކޫލް ކުއްޖަކަށް ވެގެން ރައްޓެހިންގެ ތެރޭގައި ޝާމިލް ވެވޭތޯ މަހާ ބެލި އެވެ. ނަމަވެސް އާހިރުގައި އެންމެ ގާތް އެކުވެރިން ވެސް މަހާ އަށް ފުރައްސާރަ ކުރި ކަަމަށް މަހާވަނީ ބުނެފަ އެވެ.
މަހާގެ އާ ފެށުން:
ސްކޫލު ދައުރު ނިންމާއި ވަޒީފާ އަކަށް ނިކުތީ އެހުރިހާ ކަމެއް މާޒީ ކޮށްފަ އެވެ. އަދި މި މަރުހަލާ ގައި މަހާގެ ފަނޑިޔާރަކަށް ވުމުގެ ހުވަފެނައިގެން ކުރި އަށް ނުދެވުނީ މަހާގެ މައިންބަފައިން މާލީ ތަނަވަސްކަން އޭރު ތަން ނުދިނުމުގެ ސަބަބުން ކަމަށް މަހާ ބުންޏެވެ. އަދި ވަޒީފާއަށް ނިކުތުމަށް ފަހު ކައިވެންޏެއް ކުރީ މަހާގެ ދިރިއުޅުމަށް ވުރެ އުފާވެރި ރައްކާތެރި ދިރިއުޅުމެއް މަހާގެ ދަރިންނަށް ހޯދުމުގެ ވިސްނުމުގައި ކަމަށް މަހާ ބުންޏެވެ.
މަހާއަކީ ހަމަ އެކަނި ފަންނީ ގޮތުންނާއި އިލްމީ ގޮތުން ކާމިޔާބު އަންހެނެއް ނޫންނެވެ. އޭނާއަކީ 4 ދަރިންގެ މަންމައެކެވެ. އޯގާތެރި،ހީވާގި ކުލުނުވެރި މަންމައެކެވެ. ނުވަ އަހަރުގެ ފުރަތަމަ ކައިވެނީގެ ފުރަތަމަ ދަރިފުޅަކީ މަހާގެ އަމިއްލަ ލޭ ކަމުގައި ނުވި ނަމަވެސް މަހާ އެދަރިފުޅު ދެކެ އިންތިހާއަށް ލޯބިވެ އެވެ. ކައިވެނި ނިމުމުން ހޭދަ ކުރި އުނދަގޫ ދުވަސްތަކުން ހިންދެމިލެވުނުހާ އަވަހަކަށް، މަހާ ވަނީ އެދަރިފުޅު މަހާގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ފުރަތަމަ ކައިވެނި ކާމިޔާބު ނުވި ކަމުގައި ވީނަމަވެސް މަހާ ކައިވެންޏާއި ދޭތެރޭ އުމީދު ކަނޑާލާފައި ނުވާ ކަމަށް މަހާ ބުންޏެވެ. އަދި ދެވަނަ ކައިވެންޏެއް ވެސް އޭނާ ކުރި ކަމަށް މަހާ ވަނީ ބުނެފަ އެވެ.
ޒަވާޖީ ހަޔާތާއި މަންމައެއްގެ ގޮތުން މަހާ އުފުލި ބުރަ:
ދެވަނަ ކައިވެނިން ލިބުނު ހިތްވަރާ އެކު ކުދިން ދޫކޮށް ސިންގަޕޫރަށް ކަލިނަރީ ކިޔަވަން މަހާ ފުރީ ހިތުގައި އަތް އަޅާފައި ކަމަށް މަހާ ބުންޏެވެ. ނަމަވެސް އެކަމަކީ އެނާގެ ދަރިންގެ މުސްތަގުބަލަށް މުހިންމު ކަމެއް ކަމަށް މަހާ ދެކުނެވެ. އަދި މި ހިތްވަރު ގަދަ ފިޔަވަޅު ވެގެން ދިޔައީ އޭނާ މާލެއަށް އެނބުރި އައިސް އަމިއްލަ މަސައްކަތެއް ފަށައި އެތައް ދަރިވަރުންނަކަށް ކަލިނަރީ ކިޔާވާ ދިނުމަށް ލިބުނު ފުރުސަތަކަށެވެ. އަދި އޭރު އޭނައަށް ދިޔައީ ލަގްޒަރީ ބުރޭންޑުތަކުން ވަޒީފާގެ ފުރުސަތު ހުށަހަޅަމުންނެވެ. ނަމަވެސް މަހާގެ ނަޒަރުގައި އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ އަންހެނަކަށް ވުމަކީ މާ މުހިންމު ކަމެކެވެ.
ވިޔަފާރިގައި މަހާ އަށް ލިބުނު ކެހި:
މަހާގެ މިންނަތް މަސައްކަތުން ކޮޅަށް ޖެހި ވިޔަފާރި ފުޅާ ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މަހާ އަށް ބަޔަކު ދިން ކެހީގެ ސަބަބުން މަހާ ޑިޕްރެޝަނަކަށް ގޮސް އަމިއްލަ ފުރާ ދުއްވާލާ ހިސާބަށް ދިޔަ ކަމަށް މަހާ ވަނީ ބުނެފައި އެވެ. އޭނާ ބުނީ އަމިއްލަ ވިޔަފާރި ގެއްލި ކުރިހާ އިންވެސްޓްމެންޓެއް ގެއްލުނީ މަހާގެ ތިން ވަނަ ދަރިޔަށް ބަލިވެ އިންދާ ކަމަށެވެ. މިފަދަ ސްޓްރެސްއަކީ މާބަނޑު އަންހެނަކަށް ތަހައްމަލު ކުރެވޭ ވަރަށް ވުރެ ބޮޑު ތަކުލީފެއް ކަމަށް މަހާ ވަނީ ބުނެފައި އެވެ. މަހާ އަށް އެކަމުގެ ތެރެއިން ނިކުމެވުނީ މަހާގެ ތިން ވަނަ ދަރިފުޅުގެ ރުއިމުގެ އަޑާ އެކު ކަމަށް މާހަ ވަނީ ބުނެފަ އެވެ.
މަހާ އާއި މަހާގެ ކުދިންގެ ދިރިއުޅުން އާރަސްތު ކުރުމަށް އެންމެ ބޮޑު އެހީއެއް ވެދިނީ މަހާގެ ދެވަނަ ފިރިމީހާ ކަމަށް މަހާ ވަނީ ބުނެފަ އެވެ. އޭގެ އިތުރުން މަހާ ބުނީ މަހާ ބަނޑު ދުވަސްވަރު އުފުލި ތަކުލީފްތަކުގެ ސަބަބުން މަހާގެ ތިން ވަނަ ދަރިފުޅަށް އެކަމުގެ އަސަރުކޮށް އެ ދަރިފުޅަކީ މިހާރު އޯޓިޒަމް ބައްޔަށް ފަރުވާ ހޯދަމުންދާ ކުއްޖެއް ކަމަށެވެ.
ބުރި ކޮށްލަން ބުނި ފައި މަތީ މަހާ މިއަދު އެހެރީ ކޮޅަށް:
ހުރިހާ ހުރަސްތަކަކާއި ކުރިމަތި ލުމަށްފަހު ދާއިރާގެ އެންމެ މަތީ ފަޑީގައި މަހާ ވިދާލުމުން ދެން މަހާ ކުރި މަތިލީ އާތުރައިޓިސް ކަމަށް މަހާ ބުންޏެވެ. އެ ބަލީގެ ސަބަބުން މަހާ އެނދުމަތިވާން ޖެހުން ހިސާބަށް ދިޔަ ކަމަށް މަހާ ބުންޏެވެ.
"ބުރި ކޮށްލަން ޑޮކްޓަރު ބުނި ފައިމަތީ މިއަދު ކޮޅަށް މިހިރީ"-މަހާ ނަސީރު
މަހާގެ މިކާމިޔާބީ ހަޖަމުނުވާ އެތަށް ބަޔަކު މަހާ ކައިރީ "ބޮންތީގައި ހިފަން ނޫޅޭށޭ "ވެސް ބުނި ކަމަށް މަހާ ވަނީ ބުނެފަ އެވެ. ނަމަވެސް އެއިން ކޮންމެ ހިތްވަރު އެލުވާލާ ފަދަ ބަހަކާއި ކުރިމަތިލާ މިއަދު މަހާ އަކީ ވޯލްޑް މާސްޓާ ޝެފުންގެ ތެރޭގައި ޖާގަ ހޯދާފައިވާ ކަނބަލެކެވެ.
"ރާއްޖޭއިން 13 ޝެފުން ކުރިމަތިލީ، ނަމަވެސް އެ ލަގަބު ހަމަ އެކަނި ލިބުނީ މަހާ އަށް"-މަހާ ނަސީރު
މަހާއަކީ ހަގީގަތުގައި ވެސް ފަހުރުވެރިވުން ހައްގު ކަނބަލެކެވެ. ދިރިއުޅުމުގެ އެންމެ އަނދިރި ދުވަސްތައް ކިޔައި ދިނުމުގެ ހިތްވަރު މަހާ ކިބައިގައި ހުރުމަކީ އަޖައިބުވާ ފަދަ ކަމަކެވެ. މަހާ ދައްކުވައި ދިނީ ދިރިއުޅުމުގައި ހިތްވަރުކޮށްފި ނަމަ ކޮންމެ ކަމަކުންވެސް އަރައިގަނެވޭނެ ކަމެވެ. މަހާ މިއަދު އެވަނީ ހުރިހާ އަންހެން ކަނބަލުންނަށް އަންހެނަކަށް ވުމަކީ ބަލިފައެއް ނޫންކަން ސާބިތު ކޮށްދީފަ އެވެ.










