ރައްޔިތުންނަށް އަގުހެޔޮކޮށް އައިނު ހެއްދޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އަތޮޅުތެރޭގައި ގާއިމުކުރާ ފުރަތަމަ އައިނު ފިހާރަ އަންނަ ހަފްތާގައި އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ޤާއިމުކުރާ މި އައިނު ފިހާރައަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާސަންދައިގެ ދަށުން ލުއި ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް ފަށާފައިވާ "އެމްސީޖީއެޗް އޮޕްޓިކަލްސް" ގެ ގޮފިތަކުގެ ތެރެއިން ފުރަތަމަ ފިހާރަ އެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އައިނު ހެއްދުމަށް އާންމު ރައްޔިތުންގެ އަތުން ހިނގާ ބޮޑު ހަރަދަށް ލުޔެއް ހޯދައިދިނުމެވެ.
އައިޖީއެމްއެޗްއިން ބުނިގޮތުގައި، އައްޑޫގައި ހުޅުވާ މި ފިހާރައިން ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ހިދުމަތް ދޭން ފަށާނެ އެވެ. މިހާރު ކުރިއަށްދަނީ ފިހާރަ ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ. އެގޮތުން އައިނު ހަރުތަކާއި ލޯ ދެއްކުމަށް ހާއްސަ ކުރެވިފައިވާ ބައިގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފަ އެވެ.
މިއީ އަތޮޅުތެރޭގެ ރައްޔިތުން ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކޮށް، ރަށާ ގާތުން ފެންވަރު ރަނގަޅު ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ދަތުރުފަތުރަށާއި އެހެނިހެން ކަންކަމަށް ހިނގާ މާލީ ބޮޑު ހޭދައަކުން ރައްޔިތުން ސަލާމަތްވާނެ އެވެ.
އައްޑޫ ސިޓީގެ އިތުރުން، ކުޅުދުއްފުށީ ސިޓީގައިވެސް ސަރުކާރުގެ އައިނު ފިހާރައެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އާސަންދަ ސްކީމްގެ ދަށުން އައިނު ހެއްދުމުގެ ހިދުމަތް މިހާރުވެސް ރާއްޖޭގެ 18 ތަނަކުން ލިބެމުންދެއެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ ގިނަ ކްލިނިކްތަކާއި އައިނު ފިހާރަތަކުގެ އިތުރުން ހޮސްޕިޓަލްތައް ހިމެނެ އެވެ. ސަރުކާރުން ވަނީ ރައްޔިތުންނަށް ލިބޭ ލުއިތައް އިތުރުކުރުމުގެ ގޮތުން، އައިނު ހެއްދުމަށް ދެމުންދިޔަ 1،000 ރުފިޔާގެ އެހީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން 2،000 ރުފިޔާއަށް ބޮޑުކޮށްދީފަ އެވެ.










